ޕާކިސްތާނަށް ދިމާވެފައިވާ ކަރަންޓު ކެނޑުން ދިގުލައިގެން ގޮސްފައިވާ މައްސަލައަކީ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން ދިމާވެފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ރޭވުންތެރިކަމާއި ފައިނޭންސް ކުރުމުގެ އޮނިގަނޑުގައި ހުރި ބޮޑެތި ފޭލިވުންތަކެއްގެ ނަތީޖާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދަރަންޏަށް ބަރޯސާވެގެން ހިންގި މަޝްރޫއުތަކާއި އަމިއްލަ ފަރާތްތަކަށް ފައިދާ ލިބޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން މުޅި ނިޒާމު ވަނީ އިނދަޖެހިފައެވެ.
ޕާކިސްތާނުން ކަރަންޓު އުފައްދާ ޕްލާންޓްތައް ބިނާކުރުމަށް ބޮޑެތި އަދަދުތަކުން ދަރަންޏަށް ފައިސާ ނަގާފައިވާއިރު، މި ފައިނޭންސިން މޮޑެލްގެ ސަބަބުން ހުރިހާ ރިސްކެއް އުފުލަން ޖެހިފައިވަނީ އާންމު ރައްޔިތުންނާއި ދައުލަތަށެވެ. ޚާއްސަކޮށް 'ޓޭކް އޯ ޕޭ' ކޮންޓްރެކްޓްތަކުގެ ސަބަބުން ކަރަންޓު ބޭނުން ނުކުރި ނަމަވެސް ފައިސާ ދައްކަން ޖެހުމާއި، ތަކެތީގެ އަގު އުފުލުމުގެ ރިސްކު ކަސްޓަމަރުންގެ ބޮލުގައި އެޅިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން، ޕާކިސްތާނުގެ ތާމަލް ޕްލާންޓްތައް 45 އިންސައްތައަށް ވުރެ ދަށުން މަސައްކަތް ކުރަމުންދާއިރުވެސް، އެ ތަންތަން ފުރިހަމަ ގާބިލުކަމުގައި ހިންގާ ފަދައިން ދައުލަތުން ދަނީ ފައިސާ ދައްކަމުންނެވެ. މީގެ ސަބަބުން ނުވަތަ ދަރަނީގެ ބުރު ތާރީޚީ މިންވަރަކަށް މަތިވެ، މިއީ ގައުމުގެ މާލީ ނިޒާމަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލަށް ވަނީ ވެފައެވެ.
މި މައްސަލައިގެ މިސާލެއްގެ ގޮތުން 2.7 ބިލިއަން ޑޮލަރުގެ ނީލަމް ޖޭލަމް ހައިޑްރޯޕަވަރ ޕްލާންޓް ފާހަގަކޮށްފައިވެއެވެ. ބިމުގެ މައްސަލަތަކާ ހުރެ އެ ތަން މިހާރު ބޭނުންނުކޮށް އޮތް ނަމަވެސް، އެ މަޝްރޫއަށް ނެގި ދަރަނި ދަނީ ދައްކަމުންނެވެ. އަދި ބޭރުން އެތެރެކުރާ ގޭހަށް ބަރޯސާވާ ގޮތަށް ހެދި ޕްލާންޓްތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު ކަރަންޓު އުފެއްދުމަށް ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.
މި ހާލަތުން އަރައިގަތުމަށް ތިން ދާއިރާއަކުން އިސްލާހީ ފިޔަވަޅު އެޅުމަށް ދިރާސާގައި ލަފާދީފައިވެއެވެ. އޭގެ ތެރޭގައިޓްރާންސްމިޝަން ނިޒާމު ޒަމާނީކުރުމާއި، އިރުގެ ހަކަތަ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން ލާމަރުކަޒީ ކުރުމާއި، އަދި ކޮންޓްރެކްޓްތައް އަލުން މުރާޖައާކޮށް ފައިދާނުވާ ޕްލާންޓްތައް އުވާލުން ހިމެނެއެވެ.
ޕާކިސްތާނުގެ މި ކާރިސީ ހަލަތަކީ އިއްތިފާގަކުން ދިމާވި ކަމެއް ނޫނެވެ. މިއީ އާންމު ރައްޔިތުންނަށް ގެއްލުންވާ ގޮތަށް، މަދު ބަޔަކަށް ފައިދާ ލިބޭނެހެން ބިނާކޮށްފައިވާ ސިޔާސީ އަދި އިގްތިސާދީ ނިޒާމެއްގެ ނަތީޖާއެވެ. ކުރިއަށް އޮތް ތަނުގައި އިންވެސްޓްމަންޓްތައް އަމާޒުކުރަންޖެހޭނީ އާންމު ގްރިޑް ވަރުގަދަކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.





