މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކީ ފޫއަޅުވާނުލެވޭނެ ވަރުގަދަ ތަންތަން ކަމަށް އެމެރިކާއިން ދުނިޔެއަށް ދެއްކިނަމަވެސް އީރާނުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ސަބަބުން އެކަން ބަދަލުވެ އެމެރިކާއަށް އިއާދަ ނުކުރެވޭފަދަ ގެއްލުން އީރާނުން ދިންކަން ސީއެންއެން އިން ކުރި ފުޅާ ތަހުގީގަކުން ހާމަވެއްޖެއެވެ. ސީއެންއެންގެ ރިޕޯޓުގައިވާ ގޮތުން، އީރާނުން އުފައްދާފައިވާ ޒަމާނީ ހަތިޔާރުތަކުން ވަނީ އެމެރިކާގެ އެންމެ ނާޒުކު އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ސީއެންއެންގެ ތަހުގީގުން ދައްކާ ގޮތުގައި، ފާރިސީ ކަނޑުއޮޅީގެ ސަރަހައްދުގައި ހުރި އެމެރިކާގެ ގިނަ އަސްކަރީ މަރުކަޒުތަކަކަށް ވަނީ ސާބިތުކޮށް ފެންނަން ހުރި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިއީ އީރާނުގެ ހަލުވި އަދި އަމާޒަށް ވާސިލުވާ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ސަބަބުން ލިބުނު ގެއްލުންތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެމެރިކާގެ ކޮމާންޑަރަކާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވަނީ "މީގެ ކުރިން ދުވަހަކުވެސް މިފަދަ ކަމެއް އެމެރިކާއަށް ފެނިފައިނުވާ" ކަމަށެވެ.
އީރާނުގެ ސްތްރެޓެޖިކް އަމާޒަކީ އެމެރިކާގެ އަސްކަރީ މެޝިނަރީގެ އެންމެ އަގުބޮޑު އަދި އިއާދަ ނުކުރެވޭނެ ވަސީލަތްތައް ނައްތާލުން ކަމަށް ބެލެވެއެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ދިން ހަމަލާއެއްގައި، ބައި ބިލިއަން ޑޮލަރުގެ އަގުހުރި އެމެރިކާގެ މަތިންދާބޯޓެއް ވަނީ މުޅިން ހަލާކުކޮށްލާފައެވެ. މި ވައްތަރުގެ ބޯޓުތަކަކީ މިހާރު އުފއްދާ ވައްތަރެއް ނޫނެވެ. މީގެ އިތުރުން، އެމެރިކާގެ އޮޕަރޭޝަންތައް ވިލަރެސްކުރާ މައި "ވޯ ރޫމް" ނުވަތަ ކޮމާންޑް ސެންޓަރަށްވެސް ވަނީ ސީދާ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
އެމެރިކާ ސިފައިންގެ "ލޯ" ކަމަށް ބެލެވޭ އުޑުމަތިން ނުރައްކާ ސްކޭން ކުރަމުންދާ ރޭޑާ ސިސްޓަމްތަކަށްވެސް އީރާނުން ވަނީ ކާމިޔާބު ހަމަލާތަކެއް ދީފައެވެ. ސީއެންއެން އިން ސިފަކުރާ ގޮތުގައި މިއީ އެމެރިކާގެ އެންމެ އަގުބޮޑު އަދި އެންމެ ނާދިރު ވަސީލަތްތައް ކަމުގައި ވީނަމަވެސް، އީރާނުގެ ސީދާ ހަމަލާތަކުގެ ކުރިމަތީގައި އެ ތަކެތި ދިފާއުކުރަން އެމެރިކާ ސިފައިން ވަނީ ނުކުޅެދުންތެރިވެފައެވެ.
މި ހަމަލާތައް ކުރިއަށް ގޮސްފައިވަނީ ކުވެއިތުގައި ހުރި ކޭމްޕް ބިއުރިންގް އަދި ކޭމްޕް އަރިފްޖާން، ޖޯޑަންގެ މުވައްފަގު ސަލްތީ އެއާ ބޭސް، ގަތަރުގެ އަލްއުދައިދު އެއާ ބޭސް އަދި ބަހްރޭންގައި ހުންނަ އެންއެސްއޭގެ މަރުކަޒަށެވެ. މިއީ އެމެރިކާގެ ވައިގެ ބާރާއި ޓެކްނޮލޮޖީގެ ފެންވަރު މަތިކަން މެދުއިރުމަތީގައި ނިމުމަކަށް އައިސްފައިވާ ކަމުގެ ނިޝާނެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ސީއެންއެން ރިޕޯޓުގައި ބުނެފައިވަނީ، އެމެރިކާގެ ސިފައިންގެ "ލޮލާއި" "ސިކުނޑިއަށް" އީރާނުން އަމާޒުކުރަމުންދާ ހަމަލާތަކުގެ ސަބަބުން، ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މެދުއިރުމަތީގައި ބާރު ދެއްކި އެމެރިކާގެ މަގާމު މެދުއިރުމަތީގައި ނާޒުކުވެފައި ވެއެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއަށް މި ސަރަހައްދުގައި ބާރު ދެއްކުމަކީ މިހާރު ޚަރަދު ބޮޑު ކަމެއް ކަމަށް ބުނެފައި ވެއެވެ.





