ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާ އިސްވެ އޮވެ އާ މަސައްކަތްތަކެއް ފަށައިފި

ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން ހުރުމުޒުގައި މެދުކެނޑިފައިވާ ކަނޑުގެ ދަތުރުފަތުރުތައް އަލުން އިއާދަކުރުމަށް އެމެރިކާއިން މަސައްކަތެއް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން، ހުރުމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ ވިޔަފާރި އުޅަނދުތައް، އާންމުކޮށް ބޭނުންކުރާ މަގުގެ ބަދަލުގައި ރައްކާތެރި ސަލާމަތީ މަގަކަށް ހޭރިއާކޮށް މިސްރާބު ބަދަލުކުރުމަށް އެމެރިކާއިން މިހާރު ދަނީ އަންގަމުންނެވެ.

އެމެރިކާއިން ހިންގާ ޖޮއިންޓް މެރިޓައިމް އިންފޮމޭޝަން ސެންޓަރުން ބުނި ގޮތުގައި، އާންމުކޮށް އާގު ބޯޓު ދަތުރަށް ބޭނުންކުރާ ކަނޑުގެ މަގުތަކުގައި އަދިވެސް މައިން ހުރިކަން ކަށަވަރު ނުވާތީއާއި އެކަމުގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން އެ ސަރަހައްދަކީ "އިންތިހާއަށް ނުރައްކާތެރި" ސަރަހައްދެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި އައު ރޭވުމެއް އިއުލާނުކުރައްވައި ފައެވެ. އެމެރިކާއާއި ދުނިޔޭގެ އެކިތަންތާނގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެމެރިކާއަށް ފާޑުކިޔުން އަމާޒު ވުމުން އެކަމުން ސަލާމަތްވާން ޓްރަމްޕް ބޭނުން ވެއެވެ. ޓްރަމްޕް ބުނީ މިއީ އޭނާ އިންސާނިއްޔަތަށްޓަކައި އާގު ބޯޓުގެ ދަތުރު ފަސޭހަކޮށް ދިނުމަށް ކުރުވާ ކަމެއް ކަމަށެވެ. އަދި މި އިންސާނީ އެހީތެރިކަމުގެ މަސައްކަތަށް ހުރަސްއަޅާ ކޮންމެ ފަރާތަކަށް ބާރުގެ ބޭނުންކޮށްގެން ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. ނަމަވެސް މިހާތަނަށް ސާބިތުވެފައިވާ ހެކިތަކުން އެނގެނީ އެމެރިކާ ރަނގަޅަށް ގަލްފް ސަރަހައްދުގައި އީރާނުން ގިއްގަޅުވާލާފައިވާ ކަމެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި އެމެރިކާގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރުތަކާއި، 100 އަށްވުރެ ގިނަ މަތިންދާބޯޓުގެ އިތުރުން 15,000 ސިފައިން ބައިވެރިވާނެއެވެ. ފެބްރުއަރީ 28 ގައި ސޮލީބީ ސަހުޔޫނީ ހަނގުރާމަ ފެށުނީއްސުރެ އެތައް ހާސް ފަޅުވެރިންނެއް ވަނީ މުދާ އުފުލާ ބޯޓުފަހަރުގައި ތާށިވެފައެވެ. ބޯޓުފަހަރުގެ މަތިން ޑްރޯންއާއި މިސައިލް ގޮވަމުންދާ ކަމަށާއި ކާބޯތަކެތި ހުސްވަމުންދާ ކަމަށް ފަޅުވެރިން ރިޕޯޓްކޮށްފައި ވެއެވެ. ޓްރަމްޕް ވަނީ އާގުބޯޓުތަކުގެ ފަޅު ވެރިންނަކީ "ހާލަތުގެ ޝިކާރައަކަށް ވެފައިވާ ބައެއް" ކަމަށް ސިފަކުރައްވާފައެވެ. ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް ކުރިމަތިވި ކާރިސާއަކި ޓްރަމްޕް އުފެއްދި މަސްނޫއީ ކާރިސާއެކެވެ.

އީރާނުން ވަނީ އެމެރިކާގެ ނިންމުމަށް  ގޮން ޖަހާނެ ކަމަށް ބުނެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ޓްރަމްޕްގެ ވާހަކަތަކަކީ ހޮޅި ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، އީރާނުގެ އިސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަނީ ހުރުމުޒު ކަނޑުއޮޅީގެ ކަންކަމަށް އެއްވެސް ފަރާތަކުން ހުރަސްއަޅައިފިނަމަ އެއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމެއް ކަމަށް ބަލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މިވަގުތު އީރާނުން ދަނީ ހަނގުރާމަ ހުއްޓާލުމަށް އެ ގައުމުން ހުށަހަޅާފައިވާ ހުށަހެޅުމަށް ވޮޝިންޓަނުން ދިން ޖަވާބު ދިރާސާކުރަމުންނެވެ. އީރާނުގެ 14 ނުކުތާގެ ޕްލޭންގައި ހިމެނެނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ކަނޑުގެ ބްލޮކޭޑް ހުއްޓާލުމާއި، އެމެރިކާ ސިފައިން އެ ސަރަހައްދުން ބޭރުވުމެވެ. މީގެ އިތުރުން ޣައްޒާއާއި ލުބުނާނުގައި އިސްރާއީލުން ހިންގާ އުދުވާނީ ހަމަލަތައް ހިމެނޭހެން ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށްވެސް އީރާނުން ވަނީ ގޮވާލާފައެވެ.

އެމެރިކާއިން ބުނާ ގޮތުގައި މިހާތަނަށް 49 ވިޔަފާރި އުޅަނދަކަށް ވަނީ އަނބުރާ ދިއުމަށް އަންގާފައެވެ. އީރާނުގެ ތެޔޮ ރައްކާކުރާ ތަންތަން ފުރެމުންދާތީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތެޔޮ ވަޅުތައް ބަންދުކުރަން އީރާނަށް މަޖުބޫރުވެދާނެ ކަމަށްވެސް އެމެރިކާގެ އޮފިޝަލުން ލަފާކުރެއެވެ.

ހިއްސާ ކުރައްވާ!