ހުރުމުޒު ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ސިފައިންގެ އަތްމަތީގައި ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް އެ ސަރަހައްދުން އުޅަނދުފަހަރު ދަތުރުކުރަންވާނީ ސިފައިންނާ ކޯޑިނޭޓްކޮށްގެން ކަމަށް އީރާނުގެ ޚާތަމުލްއަންބިޔާގެ ކޮމާންޑް ސެންޓަރުން ބުނެފިއެވެ.
އީރާނުގެ މީޑިއާން ރިޕޯޓްކޮށްފައިވާ މި ބަޔާނަކީ، ހުރުމުޒު ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރު ނެރުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވި މިޝަނަށް ރައްދުދިނުމުގެ ގޮތުން ނެރުނު ބަޔާނެކެވެ. އެމެރިކާގެ އެ އޮޕަރޭޝަން ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އީރާނުގެ ސިފައިން ބުނީ ހުރުމުޒުކަނޑުއޮޅީގެ ސަލާމަތީ ކަންކަން "އަޅުގަނޑުމެންގެ ބާރުގައި ބަލަހައްޓާނަން. އަދި ހުރިހާ ވިޔަފާރި އުޅަނދުތަކާއި ތެޔޮ ޓޭންކަރުތަކުން، އެ ސަރަހައްދުގައި ތިބި ސިފައިންނާ ކޯޑިނޭޓް ކުރުމެއްނެތި ދަތުރު ނުކުރުމަށް އަންގަން. އެއީ އެ އުޅަނދުތަކުގެ ސަލާމަތަށް ނުރައްކާވިޔަ ނުދިނުމަށްޓަކައި" ކަމަށެވެ.
މީގެ އިތުރުން، ސަރަހައްދުން ބޭރުގެ އެއްވެސް ހަތިޔާރު އެޅި ސިފައިން، ޚާއްސަކޮށް އެމެރިކާގެ ސިފައިން ހުރުމުޒު ކަނޑުއޮޅިއަށް ވަންނަން މަސައްކަތްކޮށްފިނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް އީރާނުން ވަނީ ދީފައެވެ. އެ ގައުމުން ވަނީ އެމެރިކާގެ ސިފައިންނަކީ ސަރަހައްދަށް "އިސްތިއުމާރީ" ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ.




