ވެސްޓް ބެންގޯލްގެ ނަތީޖާއަށް ފަހު ޓްރަމްޕް ބުނީ ކީކޭ؟

ވެސްޓް ބެންގޯލްގެ ކާމިޔާބީއާއެކު ޓްރަމްޕް ބުނަނީ އިންޑިއާއަށް މޯދީ ފަދަ ލީޑަރަކު ލިބުމަކީ އެގައުމުގެ ނަސީބު ކަމަށެވެ. އިންޑިއާގެ ވެސްޓް ބެންގޯލްގެ އިންތިޚާބުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ހޯދި ތާރީޚީ ކާމިޔާބީއާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ މި ނަތީޖާއަކީ އެ ސްޓޭޓްގެ ސިޔާސީ މައިދާނަށް އައި އިންގިލާބީ ބަދަލެއް ކަމަށެވެ.

މޯދީއަށް ފޮނުއްވި މެސެޖެއްގައި ޓްރަމްޕް ވިދާޅުވީ "އިންޑިއާއަކީ މޯދީ ފަދަ ލީޑަރަކު ލިބުމުން އިންޑިއާ އަކީ ނަސީބުވެރި ގައުމެއް" ކަމަށެވެ. އަދި ވެސްޓް ބެންގޯލްގެ އިންތިޚާބީ ނަތީޖާއަކީ ވަރަށް ތާރީޚީ އަދި ސާފު ނަތީޖާއެއްގެ ގޮތުގައި  ސިފަކުރެއްވިއެވެ.

މި ކާމިޔާބީއާއެކު ބީޖޭޕީން ވަނީ މަމްތާ ބެނަރްޖީގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސްފައެވެ. މިއީ މިފަހަރުގެ އިންތިޚާބީ ދައުރުގައި އިންޑިއާއިން ފެނިގެންދިޔަ އެންމެ ބޮޑު އެއް ސިޔާސީ ބަދަލެވެ. ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، ރައީސް ޓްރަމްޕް ވަނީ މިދިޔަ މަހުވެސް މޯދީއާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ވެސްޓް ބެންގޯލްގެ ނަތީޖާ އިއުލާނުކުރުމާއެކު އަލުން މަރުހަބާ ވިދާޅުވީއެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ރައީސް ޓްރަމްޕް ވަނީ މޯދީގެ ލީޑަޝިޕަށް ތައުރީފު ކުރައްވައި، ބީޖޭޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރައްވާފައެވެ. މި ނަތީޖާއަކީ ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައިވާ މުހިންމު ސިޔާސީ ބަދަލެކެވެ.

ވެސްޓް ބެންގޯލްގެ ކާމިޔާބީއާއެކު އިންޑިއާގެ އިރުމަތީ ސަރަހައްދުތަކުގައި ބީޖޭޕީއަށް ވަނީ އާ ހިތްވަރެއް ލިބިފައެވެ. އެ ޕާޓީގެ ލީޑަރުން ބުނާ ގޮތުގައި މިއީ އިންޑިއާގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެކެވެ.

ހިއްސާ ކުރައްވާ!