ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ ތަފްސީލު އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އީރާނުން އަންގައިފި

އީރާނުގެ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ (ޕީޖީއެސްއޭ) އިން އަލަށް އެކުލަވާލި ގަވާއިދެއްގެ ދަށުން، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކުން އެ އުޅަނދުތަކުގެ މައުލޫމާތު ދުރާލައި އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އީރާނުން އަންގައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީންނެވެ.

ހުރުމުޒު ކަނޑު އޮޅިއަކީ އީރާނުގެ ކަނޑުގެ އިމުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ހުރުމުޒުގައި އީރާނުން އެގައުމުގެ ސިޔާދަތު ކަށަވަރު ކުރުމަށް ކުރާ މަސައްކަތަށް ދެކޮޅު ހަދަމުން ދަނީ ފާރިސީ ކަނޑު އޮޅީގައި ހިމެނޭ އެންމެ ކުޑަ ދެ ދައުލަތް ކަމަށްވާ ބަހުރައިން އާއި އިމާރާތުންނެވެ.

ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕީޖީއެސްއޭގެ އާ ނިޒާމު މިހާރު ވަނީ އަމަލީ ގޮތުން ހިންގަން ފަށާފައެވެ. މި ނިޒާމުގެ ދަށުން، އީރާނުގެ ބާރުގެ ދަށުގައިވާ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިން، އުޅަނދުގެ ދަތުރާ ބެހޭ ތަފްސީލާއި، ފަޅުވެރިންގެ މައުލޫމާތު އަދި މުދަލާ ބެހޭ ޑިކްލަރޭޝަން ކަނޑައެޅިފައިވާ ވަކި އީމެއިލް އެޑްރެހަކަށް ފޮނުވަން ޖެހެއެވެ. ތެހެރާނުން ބުނާ ގޮތުގައި މިއީ ކަނޑުދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށް ގެނައި އިދާރީ ބަދަލެކެވެ.

މި އާ އުސޫލު ތައާރަފްކޮށްފައިވަނީ އެމެރިކާއިން އީރާންގެ ކަނޑުގެ ސަރަހައްދުގައި ބާރު ދައްކައި ކަނޑު ފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމާ ގުޅިގެން މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ. ހުރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ އުފުލާ، ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގެވެ. މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އީރާނާއި އެމެރިކާއިން މިހާރު ވަނީ ވަރަށް ބޮޑަށް ފާރަވެރިވާން ފަށާފައެވެ. ކަނޑުދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި އާ އުސޫލުގެ ސަބަބުން ދަތުރުތައް ލަސްވުމާއި އިދާރީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ޕްރެސް ޓީވީގެ ރިޕޯޓުގައި މި އުސޫލަކީ ބޭރުގެ ހުރިހާ ދިދައެއް ޖެހި އުޅަނދުތަކަށް އަމަލުކުރަން ޖެހޭ އުސޫލެއް ކަމެއް ނުވަތަ ވަކި ޚާއްސަ މަގުތަކަކުން ދަތުރުކުރާ އުޅަނދުތަކަށް އަމަލުކުރަން ޖެހޭ އުސޫލެއް ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ. އަދި ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިންގަނޑުތަކާ މި ނިޒާމު ފުށުއަރާ މިންވަރެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ކަނޑުދަތުރުފަތުރުގެ ދާއިރާގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ހުރުމުޒު ކަނޑުއޮޅީގެ އުސޫލުތަކަށް އަންނަ ކުޑަ ބަދަލެއްގެ ސަބަބުންވެސް ދުނިޔޭގެ ބާޒާރަށް އޭގެ އަސަރު ފޯރާނެއެވެ. އެއީ އެ ސަރަހައްދަކީ ހަކަތައިގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް މަގަށް ވާތީއެވެ.

ހިއްސާ ކުރައްވާ!