ޗައިނާގެ އެންމެ ސިއްރު ގައުމީ ޑޭޓާ ވަގަށް ނަގައިގެން ޑާކްވެބްގައި ވިއްކަން ފަށައިފި

ޗައިނާގެ އަސްކަރީ، އެއަރޯސްޕޭސް އަދި ނިއުކްލިއާ ދިރާސާތަކުގެ މައި މަރުކަޒު ކަމަށްވާ ނޭޝަނަލް ސުޕަ ކޮމްޕިއުޓިން ސެންޓަރު (އެން.އެސް.ސީ.ސީ) އިން 10 ޕެޓަބައިޓްގެ ސިއްރު މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ހެކަރުންގެ ގްރޫޕަކުން ބުނެފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ސައިބަރ ހަމަލާ ކަމަށް ބެލެވެއެވެ. 10 ޕެޓަބައިޓްގެ ޑޭޓާއަކީ މުޅި ރާއްޖޭގައި ހުރިހައި ތަނެއްގައި ލިބެން ހުރި ހުރިހައި ޑޭޓާއަށް ވުރެންވެސް އެތައް ގުނަ ގިނަ ޑޭޓާ އެވެ. އެއީ 10 މިލިއަން ގިގަބައިޓްގެ ޓޭޑާއެވެ.

"ފްލޭމިންގް ޗައިނާ" ގެ ނަމުން ނަންދީފައިވާ މި ގްރޫޕުން ބުނާ ގޮތުގައި، އެ މީހުން އެން.އެސް.ސީ.ސީގެ ނެޓްވޯކަށް ވަދެފައިވަނީ ކޮމްޕްރޮމައިޒްވެފައިވާ ވީ.ޕީ.އެން ޑޮމެއިންއެއް މެދުވެރިކޮށެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ހެކަރުން ވަނީ ހަ މަސް ދުވަހު އެ ނެޓްވޯކްގެ ތެރޭގައި އެއްވެސް އެލާމެއް ކަނޑައިގެން ނުދާނެހެން ބޮޓްނެޓެއް ބޭނުންކޮށްގެން ޑޭޓާ ވަގަށް ނަގާފައެވެ.

ވަގަށް ނަގާފައިވާ މައުލޫމާތުގެ ތަފްސީލު

އިންޓަނެޓުގައި އާންމުކޮށްފައިވާ ސާމްޕަލް ފައިލްތަކަށް ބަލާއިރު، ވަގަށް ނަގާފައިވާ ޑޭޓާގެ ތެރޭގައި ހިމެނެނީ:

  • ހައިޕަސޮނިކް މިސައިލް ސިމިއުލޭޝަންތަކާއި އޭގެ ޗާޓުތައް
  • އެއަރޯސްޕޭސް ޑިޒައިން ފައިލްތައް
  • ނިއުކްލިއާ އަދި ފިއުޝަން ރިސާޗް މޮޑެލްތައް
  • 6،000 އަށްވުރެ ގިނަ މުއައްސަސާތަކުގެ ދާޚިލީ ލިޔެކިޔުންތައް

ސައިބަރ އެނަލިސްޓުން ބުނާ ގޮތުގައި، މި މައުލޫމާތަކީ ޗައިނާގެ އެންމެ ނާޒުކު އަދި ސިއްރު އަސްކަރީ ޕްރޮގްރާމްތަކާ ގުޅުންހުރި މައުލޫމާތުތަކެކެވެ. މީގެ ސަބަބުން ޗައިނާގެ ޓެކްނޮލޮޖީގެ ބަލިކަށިކަން ހާމަވެ، އެ ގައުމުގެ އަސްކަރީ ކުރިއެރުންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މި ހާދިސާއާ ގުޅިގެން ޗައިނާ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ސައިބަރ ސެކިއުރިޓީ ޓްރެކަރުން ބުނާ ގޮތުގައި މި ހުރިހާ ޑޭޓާއެއް މިހާރު ދަނީ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ގަނެވޭނެ ގޮތަށް ޑާކް-ވެބްގައި އިޝްތިހާރު ކުރަމުންނެވެ.

ޒަމާނުއްސުރެ ޗައިނާގެ ސައިބަރ އިންފްރާސްޓްރަކްޗަރަކީ ފޫއަޅުވާނުލެވޭނެ ވަރުގަދަ ނިޒާމެއްގެ ގޮތުގައި ދައްކަމުން އައި ނަމަވެސް، މި ހާދިސާއާއެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. މި ފާއްދާލުމަކީ ހަގީގަތެއްކަން ސާބިތުވެއްޖެނަމަ، މިއީ ދުނިޔޭގެ ބޮޑު ބާރަކަށް އަމާޒުވި އެންމެ ނުރައްކާތެރި ސައިބަރ ހަމަލާއަށް ވާނެއެވެ.

ހިއްސާ ކުރައްވާ!