ބީޖޭޕީގެ ނުފޫޒު ގަދަވަމުންދާއިރު މުސްލިމް މެންބަރުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފި

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ސިޔާސީ މަޒްރަހަށް އައި ބޮޑު ބަދަލާއެކު، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ނުފޫޒު މުޅި ގައުމަށް ފެތުރެމުންދާއިރު، އެކި ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި ތިއްބަވާ މުސްލިމް މެންބަރުން (އެމްއެލްއޭ) ގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 2013 ވަނަ އަހަރު މުޅި އިންޑިއާގައި 339 މުސްލިމް މެންބަރުން ތިއްބެވި ނަމަވެސް، މިހާރު އެ އަދަދު ވަނީ 282 އަށް ތިރިވެފައެވެ.

މުސްލިމުންގެ އާބާދީ ބޮޑު ސްޓޭޓްތަކުން މުސްލިމް މެންބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން މުސްލިމުންނާ އެންމެ ހަތުރު ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝްގައި ކުރިން ތިއްބެވި 63 މެންބަރުންގެ އަދަދު މިހާރު ވަނީ 31 އަށް ދަށްވެފައެވެ. އެ ސްޓޭޓްގެ އާބާދީގެ 19 އިންސައްތައަކީ މުސްލިމުން ކަމަށްވީ ނަމަވެސް، އެސެމްބްލީގެ ގޮނޑިތަކުގެ ތެރެއިން މުސްލިމުންނަށް ލިބިފައިވަނީ 8 އިންސައްތައަށްވުރެ މަދު ގޮނޑިއެވެ.

ހަމައެއާއެކު، ވެސްޓް ބެންގޯލްގައި 59 އިން 37 އަށް  މ،ުސްލިމު އެމްއެލްއޭއިން މަދުވެފައި ވެއެވެ. ވެސްތް ބެބންގޯލްގައި 27 ޕަސެންޓަކީ މުސްލިމުންނެވެ. އަދި ބިހާރުގައި 19 އިން 11 އަށް މުސްލިމް މެންބަރުންގެ އަދަދު ވަނީ މަދުވެފައެވެ. ބިހާރުގެ އާބާދީގެ 17 އިންސައްތައަކީ މުސްލިމުން ކަމަށްވާއިރު، އެސެމްބްލީގައި މުސްލިމުން ތަމްސީލުކުރަނީ އެންމެ 4.5 އިންސައްތަ މެންބަރުންނެވެ. މީގެ އިތުރުން ރާޖަސްތާނާއި ކެރެލާ ފަދަ ސްޓޭޓްތަކުންވެސް މިފަދަ ދަށްވުންތަކެއް ވަނީ ފާހަގަކުރެވިފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ 7 ސްޓޭޓެއްގައި މިހާރު އެއްވެސް މުސްލިމް މެންބަރަކު ނެތެވެ. އޭގެ ތެރޭގައި އަރުނާޗަލް ޕްރަދޭޝް، ގޯއާ، ހިމާޗަލް ޕްރަދޭޝް، މިޒޯރާމް، ނާގަލޭންޑް، ސިކިމް އަދި ޗައްތީސްގަޅު ހިމެނެއެވެ. މަހާރާޝްތުރާ އާއި ކަރްނާޓަކާ ފަދަ ސްޓޭޓްތަކުގައިވެސް މުސްލިމް މެންބަރުންގެ ނިސްބަތަކީ އެންމެ 3 ނުވަތަ 4 އިންސައްތައެވެ.

މިހާރު ތިއްބެވި މުސްލިމް މެންބަރުންގެ ތެރެއިން އެންމެ ގިނަ މެންބަރުން ނިސްބަތްވަނީ ކޮންގްރެސް ޕާޓީއަށެވެ. އެ ޕާޓީގެ 61 މެންބަރުން ތިއްބެވިއިރު، ނޭޝަނަލް ކޮންފަރެންސް ޕާޓީގެ 39 މެންބަރުން ތިބެއެވެ. އަދި، ތުރިނަމޫލް ކޮންގްރެސްގެ 34 މެންބަރުން އަދި ސަމާޖްވާދީ ޕާޓީގެ 34 މެންބަރުން ތިއްބަވައެވެ. ވެރިކަންކުރާ ބީޖޭޕީގައި ތިއްބެވީ އެންމެ ދެ މުސްލިމް މެންބަރުންނެވެ.

މި ބަދަލުތަކަކީ 2014 ވަނަ އަހަރަށްފަހު އިންޑިއާގެ އިންތިޚާބީ ޗާޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ނަތީޖާއެވެ. މުސްލިމުންގެ އާބާދީ ބޮޑު ސަރަހައްދުތަކުންވެސް އެ މުޖުތަމައުގެ ސިޔާސީ ތަމްސީލުވުން ކުޑަވަމުން ދިއުމަކީ، އިންޑިއާގެ ޑިމޮކްރަސީގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!