ޔަހޫދީން ޚިތާނުކޮށްގެން ބޮޑު ސިޔާސީ ޒުވާބަކަށްވެ ބެލްޖިއަމް ރަތަށް އަރައިފި

ޔަހޫދީންގެ ދީނީ އުސޫލުތަކާ އެއްގޮތަށް ފިރިހެން ކުދިންނާ އަންހެން ކުދިން ޚިތާނުކޮށްދޭ ތިން މީހަކާ ދެކޮޅަށް ބެލްޖިއަމްގެ ކޯޓެއްގައި ދައުވާ އުފުލުމާ ގުޅިގެން، ބެލްޖިއަމާއި އިސްރާއީލާ ދެމެދު ސިޔާސީ ބޮޑު ހަމަނުޖެހުމެއް އުފެދިއްޖެއެވެ. މި މައްސަލައިގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރް ދެއްކި ވާހަކަތަކަށް ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމް ޕްރިވޯޓް ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ.

މި މައްސަލަ ހޫނުވީ، ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް އަދި ހުއްދަ ނެތް ތަންތަނުގައި ކުދިން ޚިތާނުކުރާ ކަމުގެ ތުހުމަތުގައި ޔަހޫދީންގެ ތިން "މޮހެލް" (ދީނީ ގޮތުން ޚިތާނުކުރުމުގެ ތަމްރީނު ލިބިފައިވާ މީހުން) އާ ދެކޮޅަށް ބެލްޖިއަމްގެ ކޯޓަކަށް މައްސަލަ ހުށަހެޅުމުންނެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ވަނީ މިއީ ޔަހޫދީންގެ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ސިފަކޮށް ބެލްޖިއަމަކީ ޔަހޫދީންނާ ދެކޮޅު ގައުމުތަކުގެ ލިސްޓަށް އިތުރުވި ގައުމެއް ކަމަށް ބުނެފައެވެ.

ބެލްޖިއަމްގެ ޚާރިޖީ ވަޒީރު ޕްރިވޯޓް ވިދާޅުވީ ބެލްޖިއަމްގެ ޝަރުއީ ދާއިރާއަކީ މިނިވަން މުއައްސަސާއެއް ކަމަށާއި، ސިޔާސީ އެއްވެސް ނުފޫޒެއް އެ ނިންމުންތަކަށް ނޯންނާނެ ކަމަށެވެ. އަދި ދީނީ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށާއި، އިސްރާއީލުން ފަތުރަނީ ހަގީގަތާ ޚިލާފު ބުހުތާން ދޮގު ޔަހޫދީ ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެކްސް މެދުވެރިކޮށް ޑިޕްލޮމެސީ ހިންގުމުގެ ބަދަލުގައި، ސީދާ ބައްދަލުކޮށް ވާހަކަދެއްކުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

މި މައްސަލައިގެ ތެރެއަށް އެމެރިކާގެ ސަފީރު ބިލް ވައިޓް ވެސް ވަނީ ވެދެވަޑައިގެންފައެވެ. ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތަކު ހިމެނޭތީ، ސަފީރު ވަނީ މިއީ ބެލްޖިއަމުން ކުރިއަށް ގެންދާ ލަދު ހުތުރު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޔަހޫދީންނާ ދެކޮޅު އަމަލެއްގެ ގޮތުގައި މުޅި ދުނިޔެ ބަލާނެ ކަމުގެ އިންޒާރު ދެއްވައި، ޓްރަމްޕްގެ ސަރުކާރުން މިކަން ކުށްވެރިކުރާ ކަމަށް ވެސް ވިދާޅުވިއެވެ!

އެމެރިކާ ސަފީރުގެ ވާހަކަތަކާ ގުޅިގެން ޕްރިވޯޓް ވިދާޅުވީ، ބެލްޖިއަމް ސަރުކާރުން މަސައްކަތް ކުރާނެ ގޮތުގެ އެޖެންޑާ ކަނޑައެޅުމަކީ ސަފީރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފާޑު ފާޑު ފާޑު ވާހަކަ ނުދެއްކުމަށާއި މި މައްސަލައަކީ ޔަހޫދީ މުޖުތަމައުގެ ބައެއް ޔަހޫދީންގެ އެދުމުގެ މަތިން، އާންމު ސިއްހަތުގެ ރައްކާތެރިކަމަށްޓަކައި ފެށިފައިވާ ތަހުގީގެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!