އދގެ ބާރު ކަނޑުވާލި ޓްރަމްޕަށް ގޮތް ހުސްވެގެން އދ ކުއްލިއަކަށް މުހިންމު ވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން ގޮތް ހުސްވެ، އީރާނުން ބާރު ދެއްކުމާއެކު ދެމުންދާ ހަމަލާތަކާއި، އުޅަނދުފަހަރަށް ހުރަސްއެޅުމުގެ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާރު އެޅުމަށް އެމެރިކާއިން އދ. އަށް ގޮވާލައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ، ހުރްމުޒް ކަނޑުއޮޅީގައި އީރާނުން އަތުރާފައިވާ ކަނޑުގެ މައިންތައް ނަގައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށް އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށް އދ. އަށް އިލްތިމާސްކުރައްވާފައެވެ. މި މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުން މިހާރު ވަނީ ސިއްރު ބައްދަލުވުންތަކެއް ފަށާފައެވެ.

މި ބައްދަލުވުންތަކަށް އެމެރިކާއިން ހުށަހަޅާފައިވާ ގަރާރަށް ގަލްފުގެ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވައިތު އަދި ބަހްރޭނުން ވަނީ ތާއީދުކޮށްފައެވެ. މި ގަރާރުގައިވާ ގޮތުން، އީރާނުން މި އަމަލުތައް ނުހުއްޓުވައިފިނަމަ، އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، ބާރުގެ ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

މި ކާރިސާ ބޮޑުވެގެން ގޮސްފައިވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީ އެމެރިކާއިން ބާރު ދެއްކުމުން އީރާނުން އެކަމާ ދެކޮޅު ހެދުމުންނެވެ. ޓްރަމްޕްގެ ނުކިއްސަރު ސިޔާސަތުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ބައިނަލްއަގުވާމީ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާފާފައި ވެއެވެ.

އެމެރިކާގެ ސެކްރެޓަރީ ރޫބިއޯ މި ގަރާރު ސިފަކުރެއްވީ އދ. ގެ މުހިންމުކަން ދައްކުވައިދޭނެ އިމްތިހާނެއްގެ ގޮތުގައެވެ. އަދި ޗައިނާ އާއި ރަޝިޔާއިން މި ގަރާރު ވީޓޯ ނުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މިއީ 2025 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރު ފެށުނީއްސުރެ އދ. އަށް ފާޑުކިޔަމުން އދގެ އަގު ވައްޓާލަމުން ދިއުމަށްފަހު ގޮތް ހުސްވެގެން އެމެރިކާގެ ސިޔާސަތަށް އައި ކުއްލި ބަދަލެކެވެ.

މީގެ ކުރިން 2025 ވަނަ އަހަރުގެ އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވަނީ އދ. ގެ ފައިދާއެއް ނެތް ކަމަށް ވިދާޅުވެ، އެމެރިކާއިން ދުނިޔޭގެ ބޮޑެތި މައްސަލަތައް ހައްލުކުރަނީ އދ. ގެ އެހީއާ ނުލައި ކަމަށް ދައުވާކުރައްވާފައެވެ. އަދި އިޒްރޭލުން ޣައްޒާގައި ހިންގާ ޖެނޮސައިޑް ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން އިސްނަގައިގެން "ބޯޑް އޮފް ޕީސް" އެކުލަވާލާފައިވަނީ ވެސް އދ. ގެ ބާރު ކޑަ ކުރުމަށެވެ. އެކަންވެސް ވަނީ ތޮޅިއަށް ގޮސްފައެވެ. ނަމަވެސް އީރާނުގެ މައްސަލައިގައި މިހާރު މިވަނީ ބައިނަލްއަގުވާމީ ތާއީދު ހޯދުމަށް އެމެރިކާގެ މަންހޫސު ސުންޕާ ރައީސަށް އަލުން އދ. އަށް އެނބުރި އަންނަން މަޖުބޫރުވެފައެވެ.

ހިއްސާ ކުރައްވާ!