ސޮލީބީ ސަހުޔޫނީ ހަމަލާތަކަށްފަހުވެސް އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރަން މަސައްކަތް ކުރި ނަމަވެސް، އެ ގައުމުގެ ބެލިސްޓިކް މިސައިލް ރައްކާކޮށްފައިވާ މިންވަރުގެ ގާތްގަނޑަކަށް 70 އިންސައްތަ އަދިވެސް ސަލާމަތުން ހުރި ކަމަށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.
ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސަރުކާރަށް ހުށަހަޅާފައިވާ މި ސިއްރު ރިޕޯޓުގައި ބުނެފައިވަނީ އީރާނުން ވަނީ އަސްކަރީ ހަމަލާތަކާއި ރައްދު ހަމަލާތަކަށް ކެތްކޮށް، އެ ގައުމުގެ ދިފާއީ ބާރު ހިފެހެއްޓުމުގައި ކާމިޔާބީ ހޯދާފައެވެ. މި ރިޕޯޓާ ހަވާލާދީ މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނުގެ އަތުގައި ހުރި މޮބައިލް ލޯންޗަރުތަކުގެ 75 އިންސައްތަ އަދިވެސް ބޭނުންކުރެވޭ ހާލަތުގައި އެބަހުއްޓެވެ.
ސީއައިއޭގެ ތަޖުރިބާކާރުންގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، އީރާނުގެ ފަންނީ ޓީމުތަކުން ދަނީ ބިމުގެ އަޑީގައި ހުރި މަރުކަޒުތަކަށް ހަމަލާދީގެން ގެއްލުން ލިބިފައިވީ ނަމަވެސް، އެ ތަންތަނުގައި ހުރި މިސައިލްތައް އަލުން ނަގައި މަރާމާތު ކުރަމުންނެވެ. މީގެ އިތުރުން، ގެއްލުންވި މިސައިލްތަކުގެ ބަދަލުގައި އާ މިސައިލް އުފެއްދުމުގެ މަސައްކަތްވެސް އީރާނުން ވަނީ ފަށާފައެވެ.
ވޮޝިންގޓަން ޕޯސްޓުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ފެށުނުއިރު އީރާނުގެ އަތުގައި 2،500 އެއްހާ ބެލިސްޓިކް މިސައިލާއި، އެތައް ހާސް "ޖާނުން ފިދާވާ" ޑްރޯންތަކެއް ހުއްޓެވެ. އީރާނުގެ މި ގާބިލުކަން ދެމިއޮތް މައިގަނޑު ސަބަބަކީ އެތައް އަހަރެއް ވަންދެން އެ ގައުމުން ބިނާކޮށްފައިވާ ފުން ހޮހަޅަތަކާއި ބިމުގެ އަޑީގެ ބޮޑު ނެޓްވޯކް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓަކީ އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މިދިޔަ މަހު ދެއްވި ހޮޅި ބަޔާނާ މުޅިން ތަފާތު ރިޕޯޓެކެވެ. ވަޒީރު އޭރު ވިދާޅުވެފައިވަނީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ މިސައިލް ގާބިލުކަން މުޅިން ހަލާކު ވެފައިވާ ކަމަށެވެ. ނަމަވެސް، އިންޓެލިޖެންސް ރިޕޯޓުން މިހާރު މިވަނީ އެމެރިކާގެ ހަމަލާތަކުން އީރާނަށް ލިބުނު ގެއްލުން ކުރިން ހީކުރި ވަރަށް ވުރެ ކުޑަކަން ހާމަވެފައެވެ.






