ޕާކިސްތާނާއި ޔޫއޭއީގެ ގުޅުން ގޯސްވެ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ބޮޑެތި ލޮޅުންތަކެއް އަރައިފި

އިޤްތިޞާދީ އަދި ސިޔާސީ އެކި ސަބަބުތަކާ ހުރެ ޕާކިސްތާނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ނުތަނަވަސްކަން އިތުރުވެއްޖެއެވެ.

މި ނުތަނަވަސްކަން ބޮޑުވެގެން ދިޔައީ، ޔޫއޭއީން ތާއީދު ކުރާ ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކަލެއް އޮތް ކަމަށް ބުނެ، ޔޫއޭއީގައި މަސައްކަތްކުރާ ޕާކިސްތާނުގެ ޝީޢީ މަސައްކަތްތެރިން އެޤައުމުން ޑީޕޯޓްކޮށްލުމާ ގުޅިގެންނެވެ. މީގެ އިތުރުން، އެމިރޭޓްސްގެ އިއްތިހާދު އެއަރވޭޒްގައި މަސައްކަތްކުރާ ޕާކިސްތާން މުވައްޒަފުން ވެސް ވަކި ކުރުމަށް ނިންމާފައި ވެއެވެ. އެގޮތުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޕާކިސްތާނުގެ 15 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

މި ގުޅުން އިތުރަށް ގޯސްވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ދަރަނީގެ މައްސަލައެވެ. ޕާކިސްތާނުގެ ރިޒާވްގެ 21 އިންސައްތައާ އެއްވަރުގެ އަދަދެއް ކަމަށްވާ 3.5 ބިލިއަން ޑޮލަރު ވަގުތުން ދެއްކުމަށް ޔޫއޭއީން ޕާކިސްތާނަށް އެންގިއެވެ. އަދި ދަރަނީގެ އިންޓްރެސްޓް ރޭޓް 6.5 އިންސައްތައިގައި ހުރިއިރު، އެ ރޭޓް ކުޑަކޮށްދިނުމަށް ޔޫއޭއީން ވަނީ އިންކާރުކޮށްފައެވެ. ޔޫއޭއީން ދަރަނި ދެއްކުމަށް ބާރުއަޅަމުންދަނިކޮށް، ސައުދީ އަރަބިއްޔާއިން ވަނީ ޕާކިސްތާނުގެ އިޤްތިޞާދު ހަމަޖެއްސުމަށް 3 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ.

ސަރަޙައްދީ ސިޔާސީ މަސްރަޙަށް ބަލާއިރު، ޕާކިސްތާނުން ސައުދީ އަރަބިއްޔާއާއި ތުރުކީއާއެކު ބާއްވާ ގާތް ގުޅުމާމެދު ޔޫއޭއީން ކަންބޮޑުވުން ފާޅުކުރެއެވެ. ޚާއްޞަކޮށް އީރާން ހަނގުރާމައިގެ މައްސަލައިގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރާއިރު، އެކަމުގެ ފައިދާ ޔޫއޭއީއަށް ވުރެ ބޮޑަށް ރިޔާޟާއި ޤާހިރާއަށް ލިބޭ ކަމަށް ޔޫއޭއީ އިން ޤަބޫލުކުރެއެވެ.

އަދި، ޔޫއޭއީން އިންޑިއާއާއެކު ބާއްވަމުންދާ ވަރުގަދަ ސްޓްރެޓީޖިކް ގުޅުމަކީ އިސްލާމްއާބާދުން ކަންބޮޑުވާ ކަމެކެވެ.

އިންޑިއާއާއި ޔޫއޭއީގެ ގުޅުން މިހާރު އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. ދެޤައުމުގެ ދެމެދުގައި އަހަރަކު 100 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ވިޔަފާރި ކުރާއިރު، 3 ބިލިއަން ޑޮލަރުގެ އެލް.އެން.ޖީ އެއްބަސްވުމަކާއި އައި.އެމް.އީ.ސީ  ކޮރިޑޯ މަޝްރޫޢުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަދި ޔޫއޭއީގައި މަސައްކަތްކުރާ 4.3 މިލިއަން އިންޑިއާ މީހުން ފޮނުވާ ފައިސާއަކީ އިންޑިއާއަށް ވަންނަ ބޭރު ފައިސާގެ 20 އިންސައްތައެވެ. މިއާ ޚިލާފަށް ޔޫއޭއީގައި ތިބީ ޕާކިސްތާނުގެ 1.8 މިލިއަން މަސައްކަތްތެރިންނެވެ.

ޕާކިސްތާނުގެ އިޤްތިޞާދީ ނާޒުކު ހާލަތާއި، ގަލްފުގެ ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ހިފަހައްޓަން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވީ، ޔޫއޭއީން ޕާކިސްތާނާ ދުރަށްޖެހި އިންޑިއާއާ ގާތްވުމެވެ. މިއީ ދެކުނު އޭޝިއާގެ ސިޔާސީ އަދި އިޤްތިޞާދީ މަސްރަޙަށް އަންނަ ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެއެވެ.

ހިއްސާ ކުރައްވާ!