ލޯތްބަށްޓަކައި ކެރިއަރު ދޫކޮށްނުލާނަން: ދަނާނީރު މުބީން

ޕާކިސްތާނުގެ މަޝްހޫރު ބަތަލާ ދަނާނީރު މުބީން، އޭނާގެ މަސައްކަތާއި ކުރިއެރުމަށް ލޯތްބަށްޓަކައި ދުވަހަކުވެސް އުނިކަމެއް ނުގެންނާނެ ކަމަށް ބުނެފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ދަނާނީރު ބުނީ، އަމިއްލަ ދިރިއުޅުމުގައި ލޯބީގެ ގުޅުމެއް ބޭއްވި ނަމަވެސް، އޭނާގެ އަމާޒުތަކާއި ކެރިއަރުގައި ހާސިލުކުރަން ބޭނުންވާ ކަންކަމަށް އެކަމުގެ ސަބަބުން ހުރަސްއެޅުނަ ނުދޭނެ ކަމަށެވެ. "އަހަރެންގެ އަމާޒުތަކާއި ކެރިއަރާ މެދު ލޯތްބަށްޓަކައި ދުވަހަކުވެސް ދޫނުދޭނަން،" އޭނާ ބުންޏެވެ.

ދަނާނީރު އިތުރަށް ބުނި ގޮތުގައި އޭނާއަކީ ވަކި މީހަކު ހޯދުމަށްޓަކައި "މޮޔަވެގެން" އުޅޭނެ މީހެއް ނޫނެވެ. މިހާރު އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ކުރަމުންދާ މަސައްކަތަށާއި އަމިއްލަ ދިރިއުޅުން ބާއްޖަވެރިކުރުމަށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. "ލޯތްބަކީ ދިރިއުޅުމުގައި މުހިންމު އެއްޗެއް. އެކަމަކު އަހަރެން އެކަމަކަށް ބާރެއް ނާޅާނަން،" ބަތަލާ ބުންޏެވެ.

މީގެ އިތުރުން، އޭނާގެ ފޭނުން އެކި ފިލްމީ ތަރިންނާ އޭނާ އަޅުވާކިޔާތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ދަނާނީރު ބުނީ، މީހުން އެހާ ފޯރިއާއެކު ޑްރާމާތައް ބަލައި، ތަރިންނާ މެދު ޝައުގުވެރިކަން ހުރުމަކީ އުފާކުރާ ކަމެއް ކަމަށެވެ. ނަމަވެސް، މިފަދަ އަޑުތަކުގެ ސަބަބުން އޭނާގެ އާއިލާއަށް ނޭދެވޭ އަސަރުކުރާ ކަމަށް އޭނާ ހާމަކުރިއެވެ.

"މިފަދަ ވާހަކަތަކުގެ ސަބަބުން އަހަރެންގެ މައިންބަފައިން ކަންބޮޑުވޭ. އެމީހުން ސުވާލުކުރޭ މިއީ ކޮންކަހަލަ ވާހަކަތަކެއްތޯ. އެހެންވީމާ ބައެއް ފަހަރު މިކަންކަމާ ކުރިމަތިލާން ދަތިވޭ،" ދަނާނީރު ބުންޏެވެ.

ދަނާނީރު މުބީން އަކީ "ޕާވްރީ ހޯރީ ހޭ" ވީޑިއޯއަށްފަހު މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި، މިހާރު ޕާކިސްތާނުގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ބަތަލާއެކެވެ.

 

ހިއްސާ ކުރައްވާ!