އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ސޮލީބީ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް އައިސް، ގަލްފު ސަރަހައްދުގައި ދެގައުމުގެ މެދުގައި ހަމަލާތައް އަލުން ވަރުގަދަވާން ފަށައިފިއެވެ. މި ދަނޑިވަޅުގައި އެމެރިކާގެ ޖާސޫސީ އިދާރާ، ސީ.އައި.އޭ އިން ތައްޔާރުކުރި ތަހުލީލީ ރިޕޯޓަކުން ދައްކާގޮތުގައި، އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކުރި ކަމުގައިވިޔަސް، އޭގެ ސަބަބުން ކުރިމަތިވާނެ އިގްތިސާދީ ފިއްތުންތަކަށް ކުރިއަށް އޮތް ހަތަރު މަސްދުވަހު އީރާނަށް ކެތްކުރެވޭނެއެވެ.
ވޮޝިންގޓަން ޕޯސްޓުން އެންމެ ފުރަތަމަ ރިޕޯޓުކުރި މި ހޯދުންތަކުން އެނގޭގޮތުގައި، އީރާނުގެ މައްޗަށް ނުފޫޒު ފޯރުވުމަށް އެމެރިކާއަށް އޮތް ފުރުސަތުތައް އަދިވެސް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. މިއީ ހަނގުރާމައާ މެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި ނުރުހުން އުފެދިފައިވާ ދަނޑިވަޅެއްގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ގޮންޖެހުމެކެވެ.
ނަމަވެސް، އެމެރިކާގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލަކު ވަނީ މި ރިޕޯޓުގައިވާ ވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަނދަރުތައް ހިސާރަކުރުމުގެ ސަބަބުން އީރާނުގެ ވިޔަފާރި މެދުކެނޑި، އާމްދަނީ ދަށްވެ، އެގައުމުގެ މުޅި އިގްތިސާދީ ނިޒާމު އިނދަޖެހުމާ ގާތަށް ވަނީ ގޮސްފައެވެ.
ހުކުރު ދުވަހު ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި ދެގައުމުގެ މެދުގައި ބަދަލުކުރެވުނު ހަމަލާތަކަކީ، މީގެ މަހެއްހާ ދުވަސް ކުރިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހު، އެ ސަރަހައްދުގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. މީގެ އިތުރުން، ހުކުރު ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށްވެސް ވަނީ އާ ހަމަލާތަކެއް އަމާޒުވެފައެވެ.
ވޮޝިންގޓަނުން މިހާރު އިންތިޒާރު ކުރަމުންދަނީ ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން ދޭނެ ޖަވާބަކަށެވެ. މި ހުށަހެޅުމަށް އެއްބަސްވެވިއްޖެނަމަ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ ދެގައުމުގެ މެދުގައި އޮތް އެންމެ ބޮޑެތި މައްސަލަތަކާ މެދު މަޝްވަރާ ކުރުމަށް މަގުފަހިވެގެންދާނެއެވެ. ގޮތް ހުސްވެފައިވާ އެމެރިކާ އޮތީ އީރާނަށް ބޮޑުކޮށް ލުއި ދޭން ތައްޔާރަށެވެ.






