ޓެމިލްނާޑޫގެ ސިޔަސީ ހަޔާތަށް އިންގިލާބީ ބަދަލެއް: ޗީފް މިނިސްޓަރަކަށް ފިލިމްސްޓާރެއް!

އިންޑިއާގެ ޓަމިލް ނާޑޫގެ ސިޔާސީ ތާރީޚުގައި އާ ބާބެއް މިއަދު ލިޔެވިގެން ގޮސްފިއެވެ. އެގައުމުގެ މަޝްހޫރު ޒުވާން ފިލްމީ ތަރި ސީ. ޖޯސެފް ވިޖޭ، ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ކަމުގެ ގާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ.

ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ އިންޑޯ ސްޓޭޑިއަމްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވިޖޭ މަގާމުގެ ހުވާ ކުރެއްވިއިރު، ހަފްލާއަށް އިންޑިއާގެ މައި އިދިކޮޅު ލީޑަރު ކޮންގްރެސްގެ ރާހުލް ގާނދީވެސް ވަޑައިގެން ހުންނެވިއެވެ. މިއީ ފާއިތުވި 60 އަހަރު ދުވަހު އެ ސްޓޭޓްގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރަމުން އައި "ޑްރަވިޑިއަން" ސިޔާސީ އޮނިގަނޑަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

"ޓަމިލަގަ ވެޓްރީ ކަޒަގަމް" (ޓީވީކޭ) ޕާޓީގެ ލީޑަރު ވިޖޭ ރަސްމިއްޔާތަށް ވަޑައިގަތީ ހުދު ގަމީހަކާއި ބްލޭޒަރެއް ގައެވެ. އޭނާ ސްޓޭޑިއަމަށް ވަދެވަޑައިގަތުމާއެކު އެތަނަށް އެއްވެ ތިބި އެތައް ހާސް ސަޕޯޓަރުންނެއްގެ ހޫނު މަރުހަބާއެއް ވަނީ ލިބިފައެވެ.

ވިޖޭ މަގާމުގެ ހުވާ ފެއްޓެވުމުގެ ގޮތުން "ސީ. ޖޯސެފް ވިޖޭ ކަމަށްވާ އަހަރެން…" މި އިބާރާތް ވިދާޅުވުމާއެކު، މުޅި ސްޓޭޑިއަމް އުފާވެރިކަމުގެ އަޑުތަކުން ގުގުމާލިއެވެ. މަގާމުގެ ހުވާ ކުރެއްވުމަށްފަހު ވިޖޭ ވައުދުވެވަޑައިގަތީ އިންޑިއާގެ އެންމެހައި ދީންތަކަށް އިހުތިރާމްކުރާ، ވަކި ފަރާތަކަށް ނުޖެހޭ "ސެކިއުލާ" ވެރިކަމެއް ގާއިމުކޮށްދެއްވުމަށެވެ. މިއީ އިންޑިއާގެ މުޖުތަމައަ ބައިބައި ކުރާ ބީޖޭޕީއަށް ދިން ރައްދެއް ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމީ ސިނާއަތް އޮންނަ ޓަމިލް ނާޑޫގައި ފިލްމީ ތަރިއަކު ސިޔާސީ މައިދާނަށް ނުކުމެ މިފަދަ ކާމިޔާބީއެއް ހޯއްދެވުމަކީ، މިއީ އެފަދަ ފުރތަމަ ފަހަރެއް ނޫނެވެ. އަދި މިއީ ހަމައެކަނި ތަރިއަކަށް ވީތީ ލިބުނު ކާމިޔާބީއެއްވެސް ނޫނެވެ. މިއީ އެ ސްޓޭޓްގެ ރައްޔިތުން ބޯދާ ސިޔާސީ ފިކުރާ ދުރަށް ގޮސް ސިޔާސީ އާ ފިކުރަކަށް ބޭނުންވެފައި ތިބި މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ވިޖޭގެ ޓީވީކޭގެ  ސަރުކާރަށް ކޮންގްރެސްއިން ވަނީ އަދަދު ހަމަ ކުރަން ތާއީދު ދީފައެވެ،. ނަމ،ަވެސް ކޮންގްރެސްގެ އެއްވެސް މެމްބަރަކަށް ވިޖޭގެ ކެބިނެޓުން ޖާގަ ދީފައެއް ނުވެއެވެ.

 

ހިއްސާ ކުރައްވާ!