ހުޅަނގު ބެންގޯލްގެ ޗީފް މިނިސްޓަރުގެ މަގާމަށް ބީޖޭޕީން އައްޔަން ކުރި ސުވެންދޫ އަދިކާރީ އަކީ ކޮރަޕްޓް މީހެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު މޮދީ ޕޮޑިއަމްތަކުގައި ވާހަކަ ދައްކަވަމުން މަލާމާތް ކުރެއްވި މީހެކެވެ. ނަމަވެސް މއިަދު މޮދީގެ ހާޒިރުގައި ވެސްތް ބެންގޯލްގެ ޗީފް މިނިސްޓަރަކަށް ބީޖޭޕީން ހުވައި ކުރެއްވީ އަދީކާރީއެވެ. އޭނާއަކީ ރިޝްވަތު ނަގަމުން ދިޔަކަން ވީޑިޯ ހެކިން ފެންނާން ހުރި މީހެކެވެ.
އިންޑިއާގެ ވެސްޓް ބެންގޯލްގައި 2026 ވަނަ އަހަރު ބޭއްވި އެސެމްބްލީ އިންތިޚާބުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ހޯދި ތާރީޚީ ކާމިޔާބީއާ އެކު، އެ ސްޓޭޓްގެ އާ ޗީފް މިނިސްޓަރުގެ މަގާމަށް އެ ޕާޓީން އައްޔަން ކުރީ ސުވެންދޫ އަދިކާރީ އެވެ.
މިއީ ވެސްޓް ބެންގޯލްގެ ތާރީޚުގައި ބީޖޭޕީން އުފެއްދި ފުރަތަމަ ސަރުކާރެވެ. އަދިކާރީ މި މަގާމާ ހަވާލުވެވަޑައިގަތީ، ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ސިޔާސީ ގޮތުން ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވާ މާހައުލެއްގައެވެ. އޭނާގެ ސިޔާސީ ހަޔާތުގެ ކުރީކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވިއިރު، ބީޖޭޕީން ވަނީ އޭނާއާ ދެކޮޅަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.
އެ ދުވަސްވަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވި އެކި ކެމްޕޭން ރެލީތަކުގައި އަދިކާރީގެ ނަން ބޭނުންކުރައްވައި، ކޮންގްރެސްގެ ލީޑަޝިޕަކީ ކޮރަޕްޝަނުގެ ހާއްޔެއްގެ ގޮތުގައި ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ނަމަވެސް، އަދިކާރީ ބީޖޭޕީއާ ގުޅިވަޑައިގަތުމާއެކު، އޭނާ ހުދު ފޮތިކޮޅަކަށް ވިއއެވެ. އިންޑިއާގެ ސިޔާސީ ފަންތީގައި ބުނަމުން ދަނީ ކޮރަޕްޝަސންގެ އަމަލުތައް ހިންގާފައިވާ މީހެއް ނަމަ ބީޖޭޕިއާ ގުޅުމުން އެމީހަކު ސާފުކޮށްދޭ ކަމަށެވެ.
ބީޖޭޕީގެ ތެރޭގައި އަދިކާރީ ވަނީ ބީޖޭޕީގެ ބެންގޯލް ސްޓްރެޓެޖީގެ އެންމެ މުހިންމު އެއް ތަނބަށް ވެފައެވެ. އަދި އިންތިޚާބު ކާމިޔާބު ކުރުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ހޮނިހިރު ދުވަހު ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުން ފެނިގެންދިޔައީ އަދިކާރީގެ ސިޔާސީ ދަތުރުގެ ބޮޑު ބަދަލެވެ. އެއް އިރެއްގައި ކޮރަޕްޝަނުގެ ތުހުމަތު އަޅުވައި އޭނާއާ ދެކޮޅަށް މަސައްކަތްކުރި ބީޖޭޕީން، މިއަދު އޭނާ ބެންގޯލްގެ ވެރިއަކަށް އިސްކުރުމަކީ ސިޔާސީ މަސްރަހުގައި އައި ބޮޑު ބަދަލެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.






