ޕާކިސްތާނުގެ ސަރުކާރުން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރަން ނިންމީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަންޖެހޭ ޝަރުތުތަކެއް ހުރުމުން ކަމަށް އެ ގައުމުގެ ޕެޓްރޯލިއަމް މިނިސްޓަރު އަލީ ޕަރުވޭޒް މާލިކް ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު މުހައްމަދު އައުރަންގްޒޭބްއާއެކު ގައުމާ މުޚާތަބު ކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑު ބަދަލެއް ނައި ނަމަވެސް، އައި.އެމް.އެފް އަށް ދީފައިވާ ޔަގީންކަމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ޕެޓްރޯލާއި ޑީސަލްގެ ލިޓަރަކުން 14 ރުޕީސް ބޮޑުކުރަން ޖެހުނީ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއެކު، އާންމުންނަށް ވިއްކާ އަގުވެސް ހެޔޮކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ޕާކިސްތާނުގެ ސަރުކާރުން ތެލުގެ އަގަށް ގެނައި މި ބަދަލާއެކު، ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 399.86 ރުޕީސް އިން 414.78 ރުޕީސް އަށް އުފުލިފައެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ވަނީ 399.58 ރުޕީސް އިން 414.58 ރުޕީސް އަށް ބޮޑުވެފައެވެ.
ޕެޓްރޯލިއަމް ޑިވިޜަންގެ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، މި ބަދަލަކީ މައިގަނޑު ގޮތެއްގައި ޕެޓްރޯލިއަމް ތެކްސް އަށް ގެނައި ބަދަލެކެވެ. އެގޮތުން ޕެޓްރޯލުން ނަގާ ޓެކްސް 103.50 ރުޕީސް އިން 117.41 ރުޕީސް އަށް ވަނީ އިތުރުކޮށްފައެވެ. އަދި ޑީސަލުން ނަގާ ޓެކްސް 28.69 ރުޕީސް އިން 42.60 ރުޕީސް އަށް ވަނީ ބޮޑުކޮށްފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އައި.އެމް.އެފްގެ ބޯޑަށް ޕާކިސްތާނުގެ މައްސަލަ ހުށަހެޅުމުގެ ކުރިން، އެ އިދާރާއާއެކު އެއްބަސްވެފައިވާ މިންވަރަށް ޕެޓްރޯލިއަމް ޑިވެލޮޕްމަންޓް ލެވީ (ޕީ.ޑީ.އެލް) ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ތެލުގެ އަގު ބޮޑުވި ނަމަވެސް، މުޅި ގައުމަށް ބޭނުންވާ ވަރަށް ތެލުގެ ސަޕްލައި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ކަށަވަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

