މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނާއި ބަންގްލަދޭޝްއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕާކިސްތާނާއި ބަންގްލަދޭޝްއާ ދެމެދު މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށާއި ސަލާމަތީ ގުޅުންތައް ވަރުގަދަކުރުމަށްޓަކައި ތާރީޚީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ޕާކިސްތާނުގެ މިނިސްޓަރ ފޯ އިންޓީރިއާ އެންޑް ނާކޮޓިކްސް ކޮންޓްރޯލް މުޙުސިން ނަޤްވީ އާއި ބަންގްލަދޭޝްގެ އިންޓީރިއާ މިނިސްޓަރު ޞަލާޙުއްދީން އަޙްމަދު، ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދާޚިލީ ވުޒާރާތަކުގެ މެދުގައި ސެކްރެޓަރީ ފެންވަރުގެ ޖޮއިންޓް ވޯކިންގް ގްރޫޕެއް އުފެއްދުމަށް ދެ މިނިސްޓަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. މި ގްރޫޕުގެ މައިގަނޑު މަސައްކަތަކަށް ވާނީ ބޯޑަރު ހުރަސްކޮށް ހިންގާ މަސްތުވާތަކެތީގެ ހަރަކާތްތަކާއި، އޭގެ ވިޔަފާރި އަދި ސަޕްލައި ހުއްޓުވުމަށް ބޭނުންވާ ކަންކަން ވިލަރެސްކުރުމެވެ.

ސޮއިކުރެވުނު ފަހުމުނާމާ ގެ ދަށުން، މަސްތުވާތަކެތި އުފުލުމާއި ވަގަށް އެތެރެކުރުން ހުއްޓުވުމަށް ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މަސްތުވާތަކެތި ފަތުރާ ނެޓްވޯކްތަކާ ބެހޭ މަޢުލޫމާތު ވަގުތުން ބަދަލުކުރުމާއި، މަސްތުވާތަކެތި ފޯރުކޮށްދޭ މަގުތައް ބަންދުކޮށް އެފަދަ ނެޓްވޯކްތައް ރޫޅާލުމަށް ގުޅިގެން ސްޓްރެޓެޖީތައް އެކުލަވާލުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.

ދެ ޤައުމުގެ ސަރުކާރުން ވެސް ވަނީ މަސްތުވާތަކެތީގެ ވަބާ ފެތުރުން ހުއްޓުވުމަށާއި، އޭގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް އިޤްރާރުވެފައެވެ. މި އެއްބަސްވުމުގެ ދަށުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މުވައްޒަފުން ތަމްރީނު ކުރުމާއި، މިދާއިރާއިން އެންމެ ފަހުގެ ތަޖުރިބާ ބަދަލުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮޕަރޭޝަންތައް ހަރުދަނާކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ނަޤްވީ ވަނީ ބަންގްލަދޭޝްއިން ކުރިއަށްގެންދާ "ސޭފް ސިޓީ ޕްރޮޖެކްޓް" އަށް ޕާކިސްތާނުގެ ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ހުރިހާ މަރުޙަލާއެއްގައި ވެސް ބަންގްލަދޭޝްއަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ޕާކިސްތާނު އޮތީ ތައްޔާރަށްކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!