ޕާކިސްތާންގެ ޓެރަރިސްޓް ބަލޯޗިސްތާން ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އާއި އެ ޖަމާއަތުގެ އިސްވެރިންނާ ދެކޮޅަށް، ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމުގެ ގޮތުން އޮސްޓްރޭލިއާ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.
އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް އިއުލާނުކުރެއްވި މި ފިޔަވަޅުތަކަކީ، އާންމުންނަށާއި ގައުމީ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ބީ.އެލް.އޭ އިން ހިންގާ އަނިޔާވެރި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެޅި ފިޔަވަޅުތަކެކެވެ. މިއީ އިގްތިސާދީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ޕާކިސްތާނަށް ލިބުނު ބޮޑު ޑިޕްލޮމެޓިކް ކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ.
މި ފިޔަވަޅުތަކުގެ ދަށުން ބީ.އެލް.އޭގެ ލީޑަރުންގެ މުދަލާއި ފައިސާ ހިފެހެއްޓޭނެއެވެ. އަދި އެފަރާތްތަކުގެ އެސެޓްތަކާ އެކު އެއްވެސް ބާވަތެއްގެ މުއާމަލާތެއް ހިންގުމަކީ ކުށެއް ކަމުގައި ކަނޑައަޅާފައިވާއިރު މި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް 10 އަހަރާ ހަމައަށް ޖަލު ހުކުމެއް އަންނާނެ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އޮސްޓްރޭލިއާގެ މި ނިންމުމަކީ 2025 ވަނަ އަހަރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބީ.އެލް.އޭ އާއި އެ ޖަމާއަތުގެ ނުރައްކާތެރި ގޮފި ކަމަށްވާ "މަޖީދު ބްރިގޭޑް" ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައެޅި ނިންމުމާ އެއްގޮތަށް ނިންމި ނިންމުމެކެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރުން މި ނިންމުމަކީ ލިބުނު ބޮޑު "ކާމިޔާބީއެއް" ގޮތުގައި ފާހަގަކުރަމުން ދިޔަ ނަމަވެސް، ބަލޯޗިސްތާނުގެ ބިމުގެ ހަގީގަތް އޮތީ މިއާ ތަފާތުކޮށް ކަމަށް މުހައްލިލުން ބުނެއެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހު ދެވުނު ވަރުގަދަ ހަމަލާތަކުގައި ސަލާމަތީ ބާރުތަކުގެ 22 މީހުންނާއި 36 އާންމުން މަރުވުމަކީ، ޕާކިސްތާނުގެ އިންޓެލިޖެންސް ނިޒާމު ފެއިލްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ޕާކިސްތާނުން އިސްކަންދެނީ އދ. އާއި ބައިނަލްއަގުވާމީ މައިދާާނުގައި މިފަދަ ލިސްޓުތަކަށް ޖަމާއަތްތައް އެރުވުމަށެވެ. ނަމަވެސް، ބަލޯޗިސްތާނުގައި ހިނގަމުންދާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތަކާއި، އިގްތިސާދީ ގޮތުން އެ ސަރަހައްދު ބާކީކޮށްލާފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.
މިފަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޖަމާއަތްތަކަށް ލިބޭ ފައިސާގެ މަގުތައް ބަންދުވި ނަމަވެސް، އެމީހުން ގަބޫލުކުރާ ފިކުރު ނައްތައެއް ނުލެވޭނެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީގައި މިފަދަ ފިޔަވަޅުތައް އެޅުމަކީ ޕާކިސްތާނުގެ އެތެރޭގެ ސަލާމަތީ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

