އީރާނުން އެމެރިކައިންހުށަހެޅި ހުށަހެޅުންތައް އިންކާރު ކުރުމުން އީރާނުން ބުނަނީ، އެމެރިކާ ބޭނުން ވަނީ ޓްރަމްޕްގެ ދަހިވެތިކަމަށް އީރާނުން ދީލާލުން ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ. އީރާނުން މިހެން ބުނެފައި ވަނީ އެމެރިކާއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް އީރާނުން ދިން ޖަވާބު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުނުކުރެއްވުމާ ގުޅިގެން، އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައިއާރްއައިބީން ދިން ރައްދެއްގައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެމެރިކާގެ މި ޕްލޭނަކީ ޓްރަމްޕްގެ ދަހިވެތިކަމުގެ ކުރިމަތީގައި އީރާނުން ކުޑަކަކޫ ޖެހުމަށް މަޖުބޫރުކުރުވާ ހުށަހެޅުމެއް ކަމަށެވެ.
އައިއާރްއައިބީ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ދިން ޖަވާބުގައި އެ ގައުމުގެ ރައްޔިތުންގެ އަސާސީ ސިޔާދަތީ ހައްގުތައް ކަށަވަރު ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާނެ ކަމަށެވެ. އަދި އެމެރިކާގެ ހުށަހެޅުމަކީ އީރާނުގެ ސިޔާދަތަށް އުނިކަން އަންނަ ފަދަ ހުށަހެޅުމެއްގެ ގޮތުގައި އެގައުމުން ވަނީ ސިފަކޮށްފައެވެ.
އީރާނުން ހުށަހެޅި ހުށަހެޅުމުގައި ކުރިންވެސް އީރާނުން ހުށަހަޅާފައިވާ ކަންކަން ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި، ހަނގުރާމައިގެ ބަދަލު އެމެރިކާއިން ދިނުން ހިމެނެއެވެ. މި ހަނގުރާމައަކީ އީރާނުން ކުރި ކަމަކާ ނުލައި ސޮލީބީ އެމެރިކާއާއި ސަހުޔޫނީ ޖެނޮސައިޑް ރެޖީމުން އީރާނާ ދެކޮޅަށް ދިން އުދުވާނީ ހަމަލައެކެވެ.
އޭގެ އިތުރުން އީރާނުން ވަނީ، ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ ސިޔާދަތާއި ބާރު އޮންނަންޖެހޭނެ ކަމަށް ބުނެފައެވެ.
އަދި އެންމެ މުހިންމު އެއް ކަމަކަށް، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، އެމެރިކާއިން ފޭރިގެންފައިވާ އީރާނުގެ ފައިސާ އާއި މުދާ ދޫކޮށްލުމަށް ވެސް އީރާނުން ވަނީ ބާރުއަޅާފައެވެ.
މި ހުށަހެޅުންތައް ހުށަހެޅުމާއެކު އީރާނުން ވަނީ ލުއިތަކެއްވެސް ދީފައެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާނުން ވަނީ ޔުރޭނިއަމް މުއްސަނދިކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. ނަމަވެސް، އެމެރިކާއިން އެދޭ 20 އަހަރުގެ މުއްދަތަށް ވުރެ ކުރު މުއްދަތަކަށް އެކަން ކުރުމަށް އީރާނުން ހުށަހަޅާފައި ވެއެވެ. ރައީސް ޓްރަމްޕް ވަނީ އެއީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވެފައެވެ.
އީރާނުން ވަނީ އެގައުމުގެ މައި ނިއުކްލިއާ މަރުކަޒުތައް ނައްތާލުމަށް އެމެރިކާއިން ކުރި ޑިމާންޑްތަކަށް އިންކާރުކޮށްފައެވެ. އޭގެ ބަދަލުގައި، މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ބައެއް މަދުކުރުމަށާއި، ބާކީ ހުރި ބައި ތިންވަނަ ގައުމަކަށް ބަދަލުކުރުމަށް އީރާނުން ވަނީ ހުށަހަޅާފައެވެ. ޕުޓިން ވަނީ އީރާންގެ ޔުރޭނިއަމް ބަލައި ގަތުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ޖެނޮސައިޑް ރެޖީމްގެ މުޖުރިމު ނަތަންޔާހޫ ބުނެފައި ވަނީ އީރާނުގެ ޔުރޭނިއަމް ބޭރުކުރަން ޖެހޭނެ ކަމަށެވެ. އަދި ޓްރަމްޕް ބުނަނީ އީރާނުން އެމެރިކާއާ އެކު ކުޅިވަރެއް ކުޅެނީ ކަމަށެވެ. އަދި އީރާނުގެ ބާރު ކަނޑު ވާލުމަށް 2 ހަފްތާ ބޭނުންވާ ކަމަށެވެ. މީގެ ކުރިންވެސް މިފަދަ ހޮޅިވާހަކަތައް މި ވެރިން ދައްކާފައި ވެއެވެ. އެކަމަކު މިހާތަނަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.






