ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން ތެޔޮ އިގްތިސާދު ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ އިލްތިމާސް ކުރައްވައިފި

ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތެޔޮ ލިބުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީއާއި އަދި ކުރިއަށް އޮތް ދުވަސްތައްވެސް ބަނަކޮށް ފެންނާތީ، އިންޑިއާގެ ރައްޔިތުން ޕެޓްރޯލާއި ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިލްތިމާސް ކުރައްވައިފިއެވެ.

އިންޑިއާގެ ދެކުނުގެ ޓެލަންގާނާ ސްޓޭޓްގައި ބޭއްވި އާންމު އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ގައުމުން ބޭރަށް ދާ ބޭރު ފައިސާ ނުވަތަ ފޮރިން އެކްސްޗޭންޖް ސަލާމަތްކުރުމަށްޓަކައި ތެޔޮ އިގްތިސާދު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިގޮތުން، މެޓްރޯ ރޭލުގެ ޚިދުމަތް ލިބޭ ސިޓީތަކުގައި ދަތުރުފަތުރު ކުރުމަށް މެޓްރޯ ބޭނުންކުރުމަށާއި، ކާރު ފަދަ އަމިއްލަ އުޅަނދުތަކުގައި ދަތުރުކުރަންޖެހޭ ހާލަތްތަކުގައި އެންމެން ގުޅިގެން އެކަކަށްވުރެ ގިނަ މީހުން އެއް އުޅަނދެއްގައި ދަތުރުކުރުމަށް ބޮޑުވަޒީރު ބާރުއެޅުއްވިއެވެ. މީގެ އިތުރުން، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ދުވަސްވަރު އަމަލުކުރި ހަކަތަ އިގްތިސާދު ކުރުމުގެ އުސޫލުތަކަށް އަލުން އަމަލުކުރަން ފެށުމަށްވެސް އެދިވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ގޭގައި ތިބެގެން މަސައްކަތް ކުރުމާއި  އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށްވެސް ހުށަހެޅުއްވިއެވެ.

ސޮލީބީ ސަހުޔޫނީ ހަމަލާތަކާ ގުޅިގެން، ހުރުމުޒު ކަނޑުއޮޅީގައި އެމެެރިކާއިން ކަނޑުފޭރުމުގެ އަމަލުތައް ހިންގަމުން ދިއުމާ ގުޅިގެން ތެޔޮ ލިބުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެމެރިކާގެ ކަނޑުފޭރުމާއި އުދުވާނީ އަމަލުތަކުގެ ސަބަބުން އިންޑިއާގައި ކެއްކުމަށް ބޭނުންކުރާ ގޭހުގެ އަގު މިހާރު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

ދެކުނު އޭޝިއާގައި ރާއްޖެ ފިޔަވައި އެހެން ގައުމުތަކުގައި ތެލުގެ ސަޕްލައި ކޮންޓްރޯލު ކޮށްފައި ވެއެވެ. އަދި އިންޑިއާ ފިޔަވައި އެހެން ހުރިހައި ގައުމަކުންވެސް ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ. އިންޑިއާއަކީ އަދިވެސް އާންމު ރައްޔިތުންނަށް ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުނުކޮށް ހިފަހައްޓަމުންދާ ސަރަހައްދުގެ ހަމައެކަނި ގައުމެވެ. ނަމަވެސް އިންޑިއާގައި ގޭހުގެ އަގު ވަނީ ބޮޑުކޮށް ކޮންޓްރޯލު ކޮށްފައެވެ. ދުނިޔޭގެ ހާލަތު މިހާރު އޮތް ގޮތުން އިގްތިސާދީ ރައްކާތެރިކަމަށްޓަކައި ތެޔޮ ބޭނުންކުރުން މަދުކުރުމަކީ މަޖުބޫރު ކަމެއް ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!