PressTV
PressTV

ކެސްޕިއަން ކަނޑު މެދުވެރިކޮށް ރަޝިޔާއިން އީރާނަށް ޑްރޯންގެ ބައިތައް ފޯރުކޮށްދެނީ

ރަޝިޔާއިން ކެސްޕިއަން ކަނޑު މެދުވެރިކޮށް އީރާނަށް ޑްރޯން އުފައްދަން ބޭނުންކުރާ ބައިތަކާއި އަސްކަރީ އެހީގެ އެހެނިހެން ތަކެތި ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ "ނިއުޔޯކް ޓައިމްސް" އިން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، ރަޝިޔާއާއި އީރާނާ ދެމެދު އޮންނަ މި ވިޔަފާރީގެ މަގަކީ، އެމެރިކާއާއި އިސްރާއީލުން ދީފައިވާ ހަމަލާތަކަށްފަހު އީރާނުގެ އަސްކަރީ ގާބިލުކަން އަލުން އިއާދަކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ. މި ދެ ގައުމުގެ ދެމެދުގައި ހިނގާ މި މުއާމަލާތްތަކުގެ ސަބަބުން، އީރާނުގެ ޑްރޯން ރިޒާވުން ހުސްވެފައިވާ 60 އިންސައްތަ އަލުން އިއާދަކުރުމަށް މަގުފަހިވާނެ ކަމަށް ރިޕޯޓުގައިވެއެވެ.

ކެސްޕިއަން ކަނޑަކީ ރަޝިޔާއާއި އީރާނާ ދެމެދު އޮތް މުހިންމު ފާލަމެކެވެ. މި ދެ ގައުމަކީ އެއްގަމު މަގުން ބޯޑަރު ހިއްސާކުރާ ދެ ގައުމަށް ނުވި ނަމަވެސް، ކެސްޕިއަން ކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް މި ދެ ގައުމުން ހިއްސާ ކުރެއެވެ. މި މަގު ބޭނުންކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގެން ވިޔަފާރިކުރުން ކަމަށް ބެލެވެއެވެ.

އެމެރިކާގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި، މީގެ ކުރިން އާންމުކޮށް ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އީރާނަށް ގެންދާ މުދާވެސް މިހާރު ރަޝިޔާއިން ފޮނުވަނީ ކެސްޕިއަން ކަނޑު މެދުވެރިކޮށް ސީދާ އީރާނަށެވެ. މީގެ ތެރޭގައި އަސްކަރީ ސާމާނުގެ އިތުރުން ގޮވާމާއި، ޖަނަވާރުގެ ކާނާ އަދި ކާބޯތަކެތީގެ އަސާސީ ބާވަތްތައް ހިމެނެއެވެ.

ހިއްސާ ކުރައްވާ!