އެމެރިކާގެ ރައްޔިތުކަން ހޯދާފައިވާ ބޭރު ގައުމުތަކަށް އުފަން މީހުންގެ ތެރެއިން އެކި ކުށްތަކަށް އަރައިގަނެފައިވާ މީހުންގެ ރައްޔިތުކަން ބާތިލްކުރުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ފުޅާކޮށްފިއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އިއުލާންކުރި ގޮތުގައި، މަކަރާއި ހީލަތް ހެދުމާއި، ޓެރަރިޒަމާ ގުޅުންހުރި އަމަލުތަކާއި، މާލީ ބޮޑެތި ކުށްތަކަށް އަރައިގަނެފައިވާ މީހުންގެ ރައްޔިތުކަން އަތުލުމަށް ގިނަ މައްސަލަތަކެއް މިހާރު ވަނީ ކޯޓަށް ހުށަހަޅާފައެވެ.
މިގޮތުން ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ރައްޔިތުކަން ހޯދާފައިވާ 12 އެއްހާ މީހުންނާ ދެކޮޅަށް މައްސަލަ ފަށާފައެވެ. އޭގެ ތެރޭގައި އިންވެސްޓަރުންގެ އަތުން މިލިއަނުން ޑޮލަރު އަތުލައި މަކަރު ހަދާފައިވާ ކަމުގެ ތުހުމަތު ކުރެވޭ އިންޑިއާއަށް އުފަން ވިޔަފާވެރިއެއް ކަމަށްވާ ދެބާޝިޝް ގޯޝް ހިމެނެއެވެ. ގޯޝްގެ މައްޗަށް ތުހުމަތު ކުރެވެނީ ގާތްގަނޑަކަށް 2.5 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފްރޯޑެއް ހިންގި ކަމަށެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، މި މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަނީ ރައްޔިތުކަން ހޯދުމުގެ މަރުހަލާގައި މުހިންމު މައުލޫމާތުތަކެއް ސިއްރުކޮށްފައިވުމުން ނުވަތަ ރައްޔިތުކަން ދިނުމަށް ހުރަސްއެޅޭ ފަދަ އަމަލުތަކެއްގައި ބައިވެރިވެފައިވާތީއެވެ. މީގެ އިތުރުން ހަނގުރާމައިގެ ކުށްތަކާއި، ހަތިޔާރުގެ ވަގުފާރި ކުރާ މީހުންނަށް ވެސް މި ފިޔަވަޅުތައް އަމާޒުވާނެ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެއެވެ.
ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ބުނާ ގޮތުގައި ސަރުކާރުން މި ފަށާފައިވާ ހަރުކަށި މަސައްކަތުގެ ސަބަބުން އެމެރިކާގައި ދިރިއުޅޭ ހިޖުރަކޮށްފައިވާ މީހުންގެ މެދުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދިގެންދާނެއެވެ.
މި މައްސަލަ އެމެރިކާގައި ހޫނުވެފައިވާއިރު، މިއީ ގައުމީ ސަލާމަތާއި ގާނޫނީ ނިޒާމު ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެވެ.






