އެމެރިކާގެ ރައީސް ޓްރަމްޕް މި ހަފުތާގައި ޗައިނާއަށް ވަޑައިގަންނަވާނެކަން ކަށަވަރުވެއްޖެ އެވެ. ބެއިޖިންގ މީޑިއާއިން ބުނާ ގޮތުގައި މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޓްރަމްޕަށް ސުލްހަވެރިކޮށް ދުނިޔޭގައި އުޅުމާ ބެހޭ ގޮތުން ފިލާވަޅު ނަންގަވައި ދެއްވައި ނަސޭހަތްތެރިވެ ވަޑައިގަންނަވާނެއެވެ. އެމެރިކާގެ އުދުވާނީ ސުލޫކާ މެދު ޗައިނާއިން ދަނީ އަބަދުވެސް ޝަކުވާ ކުރަމުންނެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން މިއަދު ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މި ދަތުރުފުޅު ކުރިއަށްދާނީ މެއި މަހުގެ 13 އިން 15 އަށެވެ.
މި ދަތުރުފުޅުގައި ރައީސް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ އިރާނުގެ މައްސަލައާއި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ނުތަނަވަސްކަމާ ގުޅޭގޮތުންނެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ޓެރިފްތަކާއި، މެދުއިރުމަތީގެ ހަނގުރާމަ އަދި ޓައިވާނުގެ މައްސަލައިގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
ރައީސް ޓްރަމްޕް ކުރިން ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ މައްސަލައަށް އިސްކަންދެއްވުމުގެ ގޮތުން އެ ދަތުރުފުޅު އޭރު ވަނީ ފަސްކުރައްވާފައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، މި ދަތުރުފުޅަކީ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޓްރަމްޕް ކުރައްވާ ފުރަމާނަ ދަތުރުފުޅެއް ކަމަށެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އިރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމަކީ ޗައިނާ އެވެ. ނަމަވެސް މި ދަތުރުގައި އެމެރިކާއިން ޗައިނާއާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ޗައިނާއިން ރައްދު ދޭނެ ކަމަށް ބެއިޖިންގ އިން ބުނެއެވެ.
އެމެރިކާގެ ޕްރިންސިޕަލް ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ އޭނާ ކެލީ ވިދާޅުވީ، މިއީ ރަމްޒީ ގޮތުން ވަރަށް މުހިންމު ދަތުރުފުޅެއް ކަމަށާއި، ނަމަވެސް ރައީސް ޓްރަމްޕްގެ އަމާޒަކީ އެމެރިކާގެ ރައްޔިތުންނަށް ފައިދާހުރި ރަނގަޅު އެއްބަސްވުންތަކެއް މި ދަތުރުފުޅުގެ ތެރެއިން ހޯއްދެވުން ކަމަށެވެ.
ރައީސް ޓްރަމްޕްގެ ދެވަނަ ދައުރުގައި ޗައިނާއަށް ކުރައްވާ މި ފުރަތަމަ ދަތުރުފުޅުގައި ބެއިޖިންގްގެ "ޓެމްޕަލް އޮފް ހެވަން" އަށް ޒިޔާރަތްކުރެއްވުމާއި، ރަސްމީ ފަރިއްކޮޅެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2017 ވަނަ އަހަރަށްފަހު އެމެރިކާގެ ރައީސަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.






