ސަހުޔޫނީ މޮސާދު އޭޖެންޓަކަށް އީރާނުން މަރުގެ އަދަބު ދީފި

ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ޖާސޫސީ އިދާރާ "މޮސާދު" އާއި ސޮލީބީ އެމެރިކާގެ "ސީ.އައި.އޭ" އަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި މީހަކަށް އީރާނުން މަރުގެ އަދަބު ދީފިއެވެ.

މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރްފާން ޝަކޫރުޒާދާ ނަމަކަށް ކިޔާ މި މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރީ، އޭނާގެ މައްޗަށް ކޮށްފައިވާ ޖާސޫސްކުރުމުގެ ކުށް ކޯޓުގައި ސާބިތުވުމާ ގުޅިގެންނެވެ.

ޔަހޫދީ ޖެނޮސައިޑް އިޒްރޭލުގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި އިރްފާން ޝަކޫރުޒާދާގެ މައްޗަށް އުފުލާފައިވަނީ އީރާނުގެ ޚާރިޖީ އަދި ނާޒުކު މައުލޫމާތުތަކެއް ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ އެމެރިކާ އާއި އިޒްރޭލުގެ އިންޓެލިޖެންސް އިދާރާތަކަށް މައުލޫމާތު އެއްކޮށްދިނުމަށެވެ.

ޚަބަރުތައް ބުނާގޮތުން، އިރްފާން ޝަކޫރުޒާދާ އަކީ އީރާނުގެ ސެޓެލައިޓް ދާއިރާއާ ގުޅުންހުރި ސައިންޓިފިކް އިދާރާއެއްގައި މަސައްކަތްކުރަމުން ދިޔަ މީހެކެވެ. އޭނާގެ މަގާމުގެ ނުފޫޒުން ހޯދި މުހިންމު މައުލޫމާތުތަކެއް ދުޝްމަނުންނަށް ފޯރުކޮށްދީފައިވާކަން ތަހުގީގަށް ވަނީ ހާމަވެފައެވެ.

މިއީ މި ހިނގާ މަހުގެ ތެރޭގައި މޮސާދަށް ޖާސޫސްކޮށްދިން ކަމުގެ ކުށުގައި އީރާނުން މަރުގެ އަދަބު ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މި މަހުގެ ކުރީކޮޅު ވެސް ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ޖާސޫސީ އިދާރާއާ ގުޅުން އޮޮތް ދެ މީހަކަށް ވަނީ މަރުގެ އަދަބު ދީފައެވެ.

އީރާނުގެ ސަރުކާރުގެ ރަސްމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީގެ ކުރިން މަރުގެ އަދަބު ދީފައިވަނީ ޔައުގޫބް ކަރީމްޕޫރު އަދި ނާސިރު ބަކުރުޒާދާ އަށެވެ. އީރާނުގެ ސުޕްރީމް ކޯޓުން މި މީހުންގެ މަރުގެ ހުކުމް ދަމަހައްޓައި، ގާނޫނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަކުރުމަށްފަހު ވަނީ ދަންޖައްސައި މަރުގެ އަދަބު ތަންފީޒުކޮށްފައެވެ.

ހިއްސާ ކުރައްވާ!