އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އޮންލައިންކޮށް ޖޫވާކުޅޭ ބައިނަލްއަގުވާމީ ނެޓްވޯކަކާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 300 އަށްވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ހޮނިހިރު ދުވަހު ހުޅަނގު ޖަކާޓާގައި ހުންނަ ވިޔަފާރި އިމާރާތަކަށް ފުލުހުން ވަދެ ހިންގި މި އޮޕަރޭޝަންގައި ޖުމްލަ 321 ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހައްޔަރުކުރި މީހުންގެ ތެރޭގައި އެންމެ ގިނައީ ވިއެޓްނާމްގެ ރައްޔިތުންނެވެ. އެ ގައުމުގެ 228 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑައިރެކްޓަރ ޖެނެރަލް އޮފް ކްރައިމްސް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހައްޔަރުކުރި މީހުންގެ ތެރޭގައި ވިއެޓްނާމް މީހުންގެ އިތުރުން ޗައިނާގެ 57 މީހަކާއި، މިޔަންމާގެ 13 މީހަކާއި، ލާއޯސްގެ 11 މީހުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ މީހުންވެސް މި އޮޕަރޭޝަންގައި ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ އިބްތިދާއީ ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ގަވާއިދާ ޚިލާފު އޮންލައިން ޖުވާ ކުޅުމުގެ މަސައްކަތް އެ ސަރަހައްދުގައި ހިންގާތާ މިހާރު ގާތްގަނޑަކަށް ދެ މަސް ދުވަސް ވެދާނެއެވެ.
މި އޮޕަރޭޝަންގެ ތެރޭގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ޑިޖިޓަލް އޮޕަރޭޓިންގ ސިސްޓަމްތައް އަތުލައިގެންފައެވެ. ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ތަކެތި ބޭނުންކޮށްފައިވަނީ ސަރވަރތައް ހިންގުމަށާއި، ބޯޑަރު ހުރަސްކޮށް ޖުވާގެ ފައިސާގެ މުއާމަލާތްތައް މެނޭޖްކުރުމަށެވެ.
ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، ހައްޔަރުކުރި މީހުންގެ މައްޗަށް ޖުވާ ކުޅުމުގެ އިތުރުން، އެހެން ބޮޑެތި ކުށްތަކުގެ ތަހުގީގުވެސް މިހާރު ވަނީ ފަށާފައެވެ.
އިންޑޮނޭޝިއާ ސަރުކާރުން ފަހަކަށް އައިސް އޮންލައިން ޖުވާގެ މައްސަލަތަކާއި ޕޮންޒީ ސްކޭމްތަކާއި ސައިބަރ ކްރައިމް ނެޓްވޯކްތަކާ ދެކޮޅަށް ހިންގާ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. މިފަދަ އަމަލުތަކަކީ ގައުމުގެ އިޖުތިމާއީ އަދި ދީނީ އަގުތަކާ ޚިލާފު ކަންތައްތަކެއް ކަމަށް އެ ގައުމުގެ އިދާރާތަކުން ދެކެއެވެ.





