އިންޑިއާގެ އިމާރާތްކުރުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވި، 3ޑީ ޕްރިންޓިންގް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގެތަކާއި ވިއްލާތައް ބިނާކުރުމުގައި އިންޑިއާގެ ޕޫނޭ އަކި އެންމެ ކުރީގައި އުޅޭ ސިޓީއެވެ. މިއީ އިންޑިއާގެ ރިއަލް އެސްޓޭޓް ދާއިރާގައި 'އެޑިޓިވް މެނުފެކްޗަރިންގް' ބޭނުންކޮށްގެން ކުރިއަށްދާނެ އައު ދައުރެއްގެ ފެށުމެއް ކަމަށް މާހިރުން ސިފަކުރެއެވެ.
ގޯދްރެޖް ޕްރޮޕަޓީސް އާއި ޓެކް-ސްޓާޓްއަޕް އެއް ކަމަށްވާ ޓްވަސްޓާ މެނުފެކްޗަރިންގް ސޮލިއުޝަންސް ގުޅިގެން ޕޫނޭގައި ބިނާކުރާ މި ވިލާތަކަކީ 2،200 އަކަފޫޓުގެ ދެ ބުރީގެ އިމާރާތެކެވެ. އާންމުކޮށް މިފަދަ ގެއެއް އެޅުމަށް އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަވާއިރު، މި ގެ ބިނާކޮށް ނިންމާލާފައިވަނީ އެންމެ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.

މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ ކޮމްޕިއުޓަރުން ކޮންޓްރޯލްކުރާ ރޮބޮޓިކް އަތްތަކެކެވެ. މި ރޮބޮޓިކް އަތްތަކުން ހާއްސަ ކޮންކްރީޓް މިކްސްއެއް ބޭނުންކޮށްގެން ފަށަލައަކަށްފަހު ފަށަލައެއް ޖަހަމުން ގޮސް، އިމާރާތް ވަނީ ފަރުމާކޮށްފައެވެ.
މި ޕްރޮޖެކްޓަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިގޮތުން އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ކުނި މަދުކުރުމަށްޓަކައި ހާއްސަ ކޮންކްރީޓް މިކްސްއެއް ބޭނުންކޮށްފައިވާއިރު، ސިނާއީ މަސައްކަތްތަކުން އުފެދޭ ބައެއް ކުނިވެސް ވަނީ މި ކޮންކްރީޓްގައި ބޭނުންކޮށްފައެވެ. މީގެ އިތުރުން، މި ގޭގެ ފާރުތައް ފަރުމާކޮށްފައިވަނީ އެތެރެ ފިނިކޮށް ބެހެއްޓޭނެ ފަދަ ޖިއޮމެޓްރިކް ބައްޓަމަކަށް ކަމުން، ކަރަންޓު ބިލު ކުޑަކުރުމަށް އެހީތެރިވެދެއެވެ.
އިންޑިއާގެ ސިޓީތަކުގައި ބޯހިޔާވަހިކަމަށް އޮތް ބޮޑު ޑިމާންޑަށް ގތައް ޕްރިންޓު ކުރުމަކީ އުންމީދީ ހައްލެއް ކަމަށް ބެލެވެއެވެ. ޓްވަސްޓާ މެނުފެކްޗަރިންގް އިން ހާމަކުރި ގޮތުގައި، މި ޓެކްނޮލޮޖީގެ ސަބަބުން އިމާރާތްކުރުމުގެ ދުވެލި އަވަސްވެ، މަސައްކަތްތެރިންނަށް ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެއެވެ.
"މިއީ ހަގީގީ ބަދަލެއްގެ ފެށުން. 3ޑީ ޕްރިންޓިންގް އަކީ އިމާރާތްކުރުން އަވަސްކޮށް، ވަސީލަތްތަކަށް ބަރާބަރުވާ މިންވަރު ކުޑަކޮށްދޭ އަމަލީ ހައްލެއް،" ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ޓެކްނޮލޮޖީ އިތުރަށް ފުޅާވުމުން، އާންމު ރައްޔިތުންނަށް އަގުހެޔޮކޮށް ފެންވަރު ރަނގަޅު ގެދޮރު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. ކުރިއަށް އޮތް ތަނުގައި މަލްޓި-ސްޓޯރީ ބިލްޑިންގްތަކާއި އާންމު އިންފްރާސްޓްރަކްޗާ ވެސް މިގޮތަށް ބިނާކުރުމަށް އެކުންފުނިން ވަނީ ވާރާފައެވެ.




