ޓެމިލް ނާޑޫގެ އާ ޗީފް މިނިސްޓަރ ސީ. ޖޯސެފް ވިޖޭ، އެ ސްޓޭޓްގައި ހިންގާ ސަރުކާރުގެ ބަނގުރާ ވިއްކާ 717 ރާ ފިހާރައެއް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ބަންދުކުރުމަށް އަމުރުކުރައްވައިފިއެވެ. މިއީ ވިޖޭގެ މަޤާމުގެ ހުވާކުރެއްވުމަށްފަހު ނިންމެވި ފުރަތަމަ މުހިންމު ސިޔާސީ ނިންމެވުމެވެ.
ޓެމިލް ނާޑޫގައި ސަރުކާރުން ފަގީރުންނަށް އެހީތެރިވުމަށް ގިނަ އެހީތަކެއް ވެއެވެ. ނަމަވެސް އެ އެހީތަކަށް ފައިސާ ހޯދަނީ ފަގީރުން އަތުން މި ރާ ވިއްކާ ފިހާތަރަކުން ލިބޭ ފައިދާއިން ކަމަށްވެސް އިޖުތިމާއީ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނެއެވެ.
ވިޖޭ ނިންމެވި މި އަމުރުގެ ދަށުން ބަންދުކުރުމަށް ނިންމާފައިވާ ރާ ވިއްކާ ތަންތަނަކީ، އަޅުކަންކުރާ ތަންތަނާއި، ތަޢުލީމީ މަރުކަޒުތަކާއި، އަދި ބަސް ހުއްޓިތަކާ 500 މީޓަރުގެ ރޭޑިއަސްއެއްގެ ތެރޭގައި ހަދާފައިވާ ފިހާރަތަކެވެ. މި ފިހާރަތަކަކީ ޓެމިލް ނާޑޫ ސްޓޭޓް މާކެޓިންގ ކޯޕަރޭޝަން ގެ ދަށުން ހިންގާ ފިހާރަތަކެވެ. ޓެމިލް ނާޑޫގައި ބަނގުރާގެ ރީޓެއިލް ވިޔަފާރި ކުރާ ހުރިހާ ތަނަކީ މި ކޯޕަރޭޝަނުން ހިންގާ ތަންތަނެވެ.
ވިޖޭ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، ކަނޑައެޅިފައިވާ 500 މީޓަރުގެ ސަރަޙައްދުގެ ތެރޭގައި ހުރި ފިހާރަތައް ދެނެގަތުމަށް އޮފިޝަލުން ވަނީ ޚާއްޞަ ސާވޭއެއް ކުރިއަށްގެންގޮސްފައެވެ. މި ސާވޭއިން ދެއްކި ގޮތުގައި، އަޅުކަންކުރާ ތަންތަން ކައިރީގައި 276 ފިހާރަ، ތަޢުލީމީ މަރުކަޒުތައް ކައިރީގައި 186 ފިހާރަ، އަދި ބަސް ހުއްޓިތައް ކައިރީގައި 255 ފިހާރަ ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. ސަރުކާރުން މިހާރު ވަނީ މި ސާވޭއިން ދެނެގަނެވުނު ހުރިހާ ފިހާރައެއް ބަންދުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އިރުޝާދު ދީފައެވެ.
ޓެމިލް ނާޑޫ ސަރުކާރަށް 'ޓަސްމެކް' މެދުވެރިކޮށް ލިބޭ އާމްދަނީއަކީ އެ ސްޓޭޓްގެ ބަޖެޓަށް ވަރަށް މުހިންމު އާމްދަނީއެކެވެ. އެގޮތުން 2025 ވަނަ އަހަރު އެކަނިވެސް އެ ކޯޕަރޭޝަނުން 48،000 ކްރޯޑް ރުޕީސްއަށްވުރެ ގިނަ އާމްދަނީ ހޯދާފައިވެއެވެ. 717 ފިހާރައެއް ބަންދުކުރުމުން މި ވިޔަފާރީގެ މައްޗަށް ސަރުކާރުން ބާއްވާ ބާރުވެރިކަން މުޅިން ހުއްޓުމަކަށް ނައި ނަމަވެސް، މިއީ ރާ ވިއްކާ މިންވަރު މަދުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.






