އެމެރިކާގެ ލޮސް އެންޖެލިސްގެ އަވަށެއް ކަމަށްވާ އާކޭޑިއާގެ މޭޔަރު، ޗައިނާ ސަރުކާރުގެ ޣައިރުގާނޫނީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރިކަމަށް އިއުތިރާފުވެ، މަގާމުން އިސްތިއުފާ ދީފިއެވެ.
އުމުރުން 58 އަހަރުގެ އައިލީން ވަންގްގެ މައްޗަށް ފެޑަރަލް ޕްރޮސެކިއުޓަރުން ވަނީ ބޭރު ގައުމެއްގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ދައުވާ އުފުލާފައެވެ. ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އޭނާ ކޯޓުގައި ކުށަށް އިއުތިރާފުވާނެ ކަމަށް ބެލެވެއެވެ. މި ކުށުގެ އަދަބެއްގެ ގޮތުން 10 އަހަރާ ހަމައަށް ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
އެފް.ބީ.އައިގެ ޑައިރެކްޓަރު ކާޝް ޕޓޭލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ޗައިނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް މޭޔަރު ވަންގް އިއުތިރާފުވެފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެމެރިކާގައި ޗައިނާ ސަރުކާރުގެ ޕްރޮޕެގަންޑާ ފެތުރުމަށާއި، އެ ގައުމުގެ މަސްލަހަތު ކުރިއެރުވުމަށް ޗައިނާގެ އިރުޝާދުގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އެމެރިކާގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް ހިންގާ މިފަދަ ހަރަކާތްތައް ހުއްޓުވުމަށް އެފް.ބީ.އައި އިން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ޑައިރެކްޓަރު ވިދާޅުވިއެވެ.
ވަންގް އާކޭޑިއާ ސިޓީ ކައުންސިލަށް އިންތިޚާބުވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދި އޭނާ މޭޔަރުކަމާ ހަވާލުވީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. އާކޭޑިއާގެ ސިޓީ މެނޭޖަރު ޑޮމިނިކް ލަޒަރޭޓޯ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ކަށަވަރުކޮށްދެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން ވަންގް މިހާރު ވަނީ ކައުންސިލުން އިސްތިއުފާ ދީފައެވެ.





