ދެކުނު އޭޝިއާގައި އާންމު ސިއްހަތުގެ ދާއިރާއިން ނަމޫނާ ދައްކަމުން އައި ބަންގްލަދޭޝްގެ އާއިލީ ރޭވުމުގެ ނިޒާމު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓި، އެ ގައުމުގެ އާބާދީ ކޮންޓްރޯލުން ނެއްޓިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
1970 ގެ އަހަރުތަކުގައި ބަންގްލަދޭޝްގެ އަންހެނަކަށް ޖެހޭ ދަރިންގެ ރޭޓު 6.3 ގައި ހުރި ނަމަވެސް، ހަރުދަނާ މަސައްކަތްތަކެއްގެ ސަބަބުން 2022 ވަނަ އަހަރާ ހަމައަށް އެ އަދަދު ވަނީ 2.3 އަށް ދަށްކުރެވިފައެވެ. ނަމަވެސް، މިހާރު ކުރިމަތިވެފައިވާ ދަތިތަކާއެކު މި ހޯދި ކުރިއެރުންތައް ގެއްލިގެން ހިނގައިދާނެ ކަމަށް މާހިރުން އިންޒާރު ދެއެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މެއި މަހާ ހަމައަށް ބަންގްލަދޭޝްގެ 64 ޑިސްޓްރިކްޓްގެ ތެރެއިން 21 ސަރަހައްދެއްގައި ކޮންޑަމާއި އާއިލާ ރޭވުމަށް ބޭނުންކުރާ ބޭސް ގަންނާކަށް ނުލިބެއެވެ. މިއީ އެ ގައުމުގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅޭ ސަރަހައްދެވެ.
މި ނިޒާމު ފޭލިވާން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުން މިކަމަށް ދިން ސަމާލުކަން ކުޑަވުން ހިމެނޭ ކަމަށް މާހިރުން ބުނެއެވެ. އެގޮތުން ހަސީނާގެ 17 އަހަރުގެ ވެރިކަމުގައި އާބާދީއާ ބެހޭ ކައުންސިލްގެ ބައްދަލުވުމެއްގައި އެކަމަނާ ބައިވެރިވެވަޑައިގަތީ އެންމެ ފަހަރަކު ކަމަށް ތުހުމަތުކުރެވެއެވެ. މީގެ އިތުރުން 2024 އަދި 2025 ވަނަ އަހަރު ފެމިލީ ޕްލޭނިންގ އާ ބެހޭ ތަކެތި ހޯދުމުގައި ހިނގި އިދާރީ ފޭލިވުންތަކުގެ ސަބަބުން، 2026 ވަނަ އަހަރު އާ ސަރުކާރެއް އައިއިރުވެސް ސަޕްލައި ޗެއިން ވަނީ މުޅިން ބަނގުރޫޓުވެފައެވެ.
މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ މަސައްކަތްތެރިން ގިނަ ސަރަހައްދުތަކަށެވެ. ޑާކާގެ ސާވަރު އަޕާޒިލާ ހެލްތު ކޮމްޕްލެކްސްގެ ފެމިލީ ޕްލޭނިން އޮފިސަރު އަހުމަދު ބިން ސުލްތާން ވިދާޅުވި ގޮތުގައި، ފާއިތުވި ހަތަރު ފަސް މަސް ދުވަހު އެއްވެސް ވަރަކަށް ކޮންޑަމް ފަދަ ތަކެތި އެ އިދާރާއަށް ލިބިފައެއް ނުވެއެވެ. މީގެ ސަބަބުން، އެހީއަށް އެދި އަންނަ ފަގީރު ރައްޔިތުންނަށް އެއްވެސް އެހީތެރިކަމެއް ނުދެވި އަނބުރާ ފޮނުވާލަން ވަނީ މަޖުބޫރުވެފައެވެ.
މި މައްސަލައަކީ ބަންގްލަދޭޝްގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިމަގަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިހާރު ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން ގަލްފްގައި ހިނގަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކޮންޑޮމް ސަޕްލައިއަށް ބުރޫ އަރާފައި ވެއެވެ. އޭގެ ސަބަބަކީ ކޮންޑަމް އުފެއްދުމަށް ބޭބނުންވާ ރޯމެޓީއަލް އަކީ ޕެޓްރޯލިއަމްގެ ބައި ޕްރޮޑަކްޓެއް ކަމުން އެ މާއްދާތައް އެ ސަރަހައްދުން އައުމަށް ދިމާވެފައިޥާ ދަތިކަމުންނެވެ.



