ކަމާލް އަދުވާން ހޮސްޕިޓަލުގެ މަޝްހޫރު ޑައިރެކްޓަރު ޑރ. ޙުސާމް އަބޫ ސަފިއްޔާ ވަގަށް ނަގައިގެން ޔަހޫދީ ޖެނސައިޑް ރެޖީމުން އޭނާއަށް ކުރަމުން ގެންދާ އަނިޔާގެގެ ވާހަކަތަކުން ސޯޝަލް މީޑިއާ ސިއްސުވާލައިފިއެވެ. އާއިލާއިން ހާމަކުރި ގޮތުގައި، އުތުރު ޣައްޒާގެ ސިއްހީ ނިޒާމު ދަމަހައްޓަން އެންމެ އިސްކޮށް މަސައްކަތްކުރެއްވި މި ޑޮކްޓަރަށް ދަނީ ބަނޑަށް ޖެއްސުމާއި ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރިމަތި ކުރަމުންނެވެ.
ޑރ. އަބޫ ސަފިއްޔާގެ ދަރިފުޅު ކިޔައިދިން ގޮތުގައި، ކާން ނުދިނުމުގެ ސަބަބުން އޭނާގެ ބައްޕަގެ ބަރުދަން އިންތިހާއަށް ލުއިވެ، މިހާރު ފެންނަނީ "ކުރީގެ ސޫރައިގެ ހިޔަންޏެއް" ފަދައިންނެވެ. ބަނޑަށް ޖެއްސުމުގެ އިތުރުން، ޑޮކްޓަރުގެ ހިތްވަރު ބަލިކޮށްލުމުގެ މަގްސަދުގައި އިސްރާއީލުގެ ސިފައިން ދަނީ އެކި ގޮތްގޮތުން އަނިޔާކުރަމުން ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.
ޑރ. އަބޫ ސަފިއްޔާ ހައްޔަރުކުރީ ކަމާލް އަދުވާން ހޮސްޕިޓަލަށް ދިން ހަމަލާއެއްގެ ތެރެއިންނެވެ. އޭނާއަކީ ހޮސްޕިޓަލް ހިސާރުކޮށްފައި އޮތްއިރުވެސް، ބަލިމީހުން ދޫކޮށް ދިއުމަށް އިންކާރުކޮށް ހޮސްޕިޓަލުގައި މަޑުކުރި ނަމޫނާ ޑޮކްޓަރެކެވެ. އޭނާ މަސައްކަތް ކުރެއްވީ ކަރަންޓާއި، ތެލާއި، އަދި އަސާސީ ބޭސްފަރުވާގެ ސާމާނު ނެތް އިންތިހާ ދަތި ހާލަތެއްގައެވެ.
![]()
މި ހަނގުރާމައިގައި ޑޮކްޓަރުގެ އަމިއްލަ ދަރިފުޅު ޝަހީދުވި ނަމަވެސް، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އޭނާ ވަނީ ވަގުތުން މަސައްކަތަށް އެނބުރި ވަޑައިގެންފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަމުންދަނީ އޭނާ ހައްޔަރުކުރުމަކީ ސިއްހީ ހިދުމަތްތެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށާއި، އޭނާ ވަގުތުން މިނިވަންކުރަން ޖެހޭނެ ކަމަށެވެ.
ޑޮކްޓަރުގެ ދަރިފުޅު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، "މަގޭ ބައްޕައަކީ ބޭސްފަރުވާ ދީ އުޅޭ މީހެއް، ހަނގުރާމަ ވެރި މީހެއް ނޫން. އޭނާ މަޑުކުރީ ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދޭން، އެކަމަކު މިހާރު އޭނާއަށް އަދަބު ދެނީ އޭނާގެ އިންސާނިއްޔަތުކަމަށްޓަކައި" ކަމަށެވެ. މި މެސެޖާއެކު ގިނަ ބަޔަކު ދަނީ އަރަބި ގައުމުތަކުން މިކަމާ މެދު ހިމޭނުން ތިބޭތީ އެމީހުންގެ ޖާހިލުކަމާ މެދު ސުވާލު އުފައްދަމުންނެވެ.
އަނަރޫފަވެފައިވާ ޑރ. އަބޫ ސަފިއްޔާގެ ފޮޓޯތައް ފެތުރެމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައު އޮތީ ބޮޑު އަހުލާގީ އިމްތިހާނެއްގެ ކުރިމަތީގައެވެ. އިސް ސިއްހީ މާހިރުންނަށް އަމާޒުކޮށް މިފަދަ އަނިޔާވެރި އަމަލުތައް ހިންގުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ފިއްތުންތައް ކުރިމަތިކުރުމުގެ އާ އުކުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.



