ނަކްބާއަށް 78 އަހަރު: ފަލަސްތީނުގެ އާބާދީ 15.5 މިލިއަނަށް އިތުރުވެއްޖެ

1948 ވަނަ އަހަރު ޣަދަރުވެރި ޔަހޫދީން ހިންގި ފަލަސްޠީނުގެ ނަކްބާއަށް 78 އަހަރު ފުރުން ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރަމުންދާއިރު، ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ އެ ގައުމުގެ އާބާދީއާ ގުޅޭ ހައިރާންކުރުވަނިވި ރިޕޯޓެއް ނެރެފައެވެ. އެތައް އަހަރެއްގެ ވަޒަންވެރިކަން ގެއްލުމާއި ހަނގުރާމައިގެ ތެރޭގައިވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ އާބާދީ މިހާރު ވަނީ 15.5 މިލިއަނަށް އިތުރުވެފައެވެ.

މި ރިޕޯޓުގައިވާ ގޮތުން ތާރީޚީ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ އަދަދު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ. އެގޮތުން ހުޅަނގު އައްސޭރި، ޣައްޒާ އަދި 1948 ގެ ބިންތަކުގައި ގާތްގަނޑަކަށް 7.5 މިލިއަން ފަލަސްތީނު މީހުން ދިރިއުޅެއެވެ. މީގެ އިތުރުން އަރަބި ގައުމުތަކުގައި 6.5 މިލިއަން މީހުން ދިރިއުޅޭއިރު، ދުނިޔޭގެ އެހެން ހިސާބުތަކުގައި 850,000 މީހުން ދިރިއުޅެމުންދާކަން ފާހަގަކުރެވެއެވެ.

ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް ތާރީޚީ ފަލަސްތީނުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ އަދަދު ޔަހޫދީ އާބާދީއަށްވުރެ އިތުރުވުމެވެ. ފަލަސްތީނުގެ އާބާދީ 7.5 މިލިއަނުގައި ހުރިއިރު، ޔަހޫދީ އާބާދީއަކީ 7.2 މިލިއަނެވެ. މިއީ ސަރަހައްދުގެ ޑިމޮގްރަފިކް ބެލެންސަށް އައި ބޮޑު ބަދަލެކެވެ.

އާބާދީ އިތުރުވަމުންދިޔަ ނަމަވެސް، އޮކްޓޯބަރު 2023 އިން ފެށިގެން ކުރަމުންދާ ހަނގުރާމައިގައި 35,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޔަހޫދީ ޖެނޮސައިޑް ރެޖީމުން ވަނީ ޝަހީދު ކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޣައްޒާއަށެވެ. ޣައްޒާއަކީ ދުނިޔޭގައި އެންމެ ތޮއްޖެހުން ބޮޑު އެއް ސަރަހައްދު ކަމަށްވާއިރު، އެތަނުގައި އަކަ ކިލޯމީޓަރަކަށް 6,100 މީހުން ދިރިއުޅެއެވެ.

ހަނގުރާމައިގެ ސަބަބުން ސްކޫލްތަކާއި ޔުނިވަރސިޓީތައް ޔަހޫދީން ވަނީ ގަސްތުގައި ހަލާކު ކޮށްލާފައެވެ. ޔަހޫދީންގެ ނުލަފާކަމާއި އަނިޔާތަކުގެ ސަބަބުން ގާޒާގެ 600,000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމުން މަހްރޫމްވެފައެވެ. އެހެންނަމަވެސް، ފަލަސްތީނުގެ ލިޔަންކިޔަން ނުދަންނަ މީހުންގެ ނިސްބަތް ވަނީ 1997 ގައި ހުރި 13.9 އިން 2025 އާ ހަމައަށް 2.1 އަށް ދަށްކުރެވިފައެވެ.

މިކަމާ ގުޅޭގޮތުން މާހިރަކު ވިދާޅުވެފައިވަނީ، "ނަކްބާއަކީ ހަމައެކަނި ހަނދާނެއް ނޫނެވެ؛ އެއީ ހިނގަމުންދާ ޑިމޮގްރަފިކް އަދި ފިޒިކަލް ހަގީގަތެކެވެ. 1948 އިން ފެށިގެން އާބާދީ ދިހަ ގުނަ އިތުރުވެފައިވާއިރު، ބިމާއި ވަސީލަތްތަކަށް އޮތް ފިއްތުންތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ."

ހިއްސާ ކުރައްވާ!