އީރާނަށް އަލުން ހަމަލާއެއް ދީފިނަމަ ހަތިޔާރު އުފެއްދޭ ފެންވަރަށް ޔުރޭނިއަމް ފައްކާކުރާނެ ކަމުގެ އިންޒާރު ދީފި

އީރާނަށް އިތުރު ހަމަލާއެއް ދީފިނަމަ، ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރަށް ނުވަތަ 90 އިންސައްތައަށް ޔުރޭނިއަމް ފައްކާކޮށް މުއްސަނދިކޮށްފާނެ ކަމުގެ އިންޒާރު އެ ގައުމުން ދީފިއެވެ. މިކަން ހާމަކުރެއްވީ އީރާނުގެ ޕާލަމެންޓްގެ ތަރުޖަމާނު އިބްރާހީމް ރިޒާއީ އެވެ.

އީރާނުގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޝަނުގެ ތަރުޖަމާނު ރިޒާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "އީރާނަށް ދެވޭ އިތުރު ހަމަލާއެއްގެ ރައްދުގައި ކުރެވިދާނެ އެއް ކަމަކީ 90 އިންސައްތައަށް ޔުރޭނިއަމް މުއްސަނދިކުރުން" ކަމަށެވެ. އަދި މި މައްސަލަ މަޖިލީހުގައި މުރާޖައާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދަނޑިވަޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުން ހުށަހެޅި ހުށަހެޅުމެއް ބޭރުކޮށްލުމަށްފަހު، ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ވަގުތެކެވެ. މިއީ މި ހަމަަނުޖެހުން ނިމުމަކަށް ގެނައުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ބެލެވެއެވެ.

މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ސުންނާފަތިކޮށްލާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މިހާރުވެސް އީރާނުގެ އަތުގައި 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 400 ކިލޯގްރާމްގެ ޔުރޭނިއަމް ހުރި އިރު، މިއީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައާ ވަރަށް ގާތް މިންވަރެކެވެ.

އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓްތައް ބުނާ ގޮތުގައި، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރައްކާކޮށްފައިވާ މިންވަރު ނައްތާނުލާ ނުވަތަ ގައުމުން ބޭރު ނުކުރާހާ ހިނދަކު އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަށް މާ ބޮޑު ހުރަހެއް ނޭޅޭނެއެވެ. ނިއުކްލިއާ މައްސަލައަކީ ފެބްރުއަރީ މަހުން ފެށިގެން ކުރިއަށްދާ މަޝްވަރާތަކުގައި އެންމެ ބޮޑަށް ޚިޔާލު ތަފާތުވާ އެއް ކަންތަކެވެ.

މި މައްސަލައިގައި އީރާނުން ބޭނުންވަނީ ނިއުކްލިއާ މައުޟޫއަށް ފަހުން ވާހަކަދެއްކުމަށެވެ. އެހެންނަމަވެސް، ވޮޝިންޓަނުން ބާރުއަޅަނީ އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްތައް ގައުމުން ބޭރަށް ފޮނުވާލުމަށާއި، އަމިއްލައަށް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށެވެ. ނަމަވެސް އީރާނުން ބުނަނީ ފޭރިގަނެފައިވާ އީރާނުގެ ފައިސާ އަނބުރާ ދީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!