އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ވެރިރަށް ބެއިޖިންއަށް ވަޑައިގެންފިއެވެ.
ޓްރަމްޕްގެ އިސްތިގުބާލުގައި ބެއިޖިން އެއާޕޯޓުގައި ރަތް ދޫލަ އަޅާފައިވާއިރު، އެމެރިކާ އާއި ޗައިނާގެ ދިދަ ހިފައިގެން ތިބި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ބޯޓުން ފައިބައިވަޑައިގަތުމަށްފަހު، އެ ސަރަހައްދުގައި ތިބި ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި، ޓްރަމްޕް އަވަސްވެގަތީ "ދަ ބީސްޓް"ގެ ނަމުން މަޝްހޫރުވެފައިވާ ރައީސުގެ ޚާއްސަ ލިމޮޒީން ކާރުކޮޅަށް އަރައިވަޑައިގަތުމަށެވެ.
ޓްރަމްޕްގެ އަރިހުގައި މި ދަތުރުފުޅުގައި އޭނާގެ ދަރިކަލުން އެރިކް ޓްރަމްޕާއި، ދަނބިދަރިކަނބަލުން ލާރާ ޓްރަމްޕްގެ އިތުރުން ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ޓްރަމްޕް ވަޑައިގަތީ ބެއިޖިންގ ގެ ވައިގެ ބަނދަރުން ގާތްގަނޑަކަށް 40 އުޅަނދުގެ ބޮޑު ގާފިލާއަކާ އެކު ބެއިޖިންގެ މަރުކަޒީ ސަރަހައްދުގައި ހުންނަ ހޮޓަލަށެވެ.
މި ދަތުރުފުޅުގެ ތާވަލު ރޭވިފައިވާ ގޮތުން، މިރޭގައި އެއްވެސް ރަސްމީ ހަރަކާތެއް ކުރިއަށް ނުގެންދާނެއެވެ. ޓްރަމްޕާއި އޭނާގެ ޓީމުން މިރޭ ހޭދަކުރައްވާނީ ހޮޓަލުގައި އަރާމުކުރެއްވުމުގައެވެ.
މި ދަތުރުފުޅުގެ އެންމެ މުހިންމު ރަސްމީ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބާއްވާ ދެ ގައުމުގެ މަޝްވަރާތަކާއި، ޗައިނާ ސަރުކާރުން ބާއްވާ ރަސްމީ ޖާފަތެއްގައި ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުންތައް ފެށޭނީ މާދަމާ ހެނދުނު ރާއްޖެ ގަޑިން ފަތިހުގެ ވަގުތެއްގައެވެ.






