ޗައިނާގައި ކައިވެނިކުރާ މިންވަރު ފާއިތުވި 10 އަހަރުގެ ތެރޭގައި އިންތިހާއަށް ދަށަށް ގޮސްފި

ޗައިނާގައި ކައިވެނިކުރާ މީހުންގެ އަދަދު ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ނުދާހާ ދަށަށް ގޮސް، އެ ގައުމުގެ އާބާދީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ސިވިލް އެފެއާޒުން އާންމުކުރި ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ގައުމުގައި ރަޖިސްޓްރީކޮށްފައިވަނީ 1.697 މިލިއަން ކައިވެންޏެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.2 އިންސައްތައިގެ ދަށްވުމެކެވެ. އަދި 2017 ވަނަ އަހަރާ އަޅާބަލާއިރު، މިހާރު ކައިވެނިކުރާ މިންވަރު ވަނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް މަދުވެފައެވެ.

މި ތަފާސްހިސާބުތަކާއެކު، ޗައިނާގެ އާބާދީއާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ. 2025 ވަނަ އަހަރާ ހަމައަށް ޗައިނާގެ އާބާދީ ޖެހިޖެހިގެން ހަތަރު އަހަރު ދަށަށް ގޮސްފައިވާއިރު، އެ ގައުމުގައި ކުދިން އުފަންވާ މިންވަރުވެސް ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފައެވެ. އާބާދީ ދިރާސާކުރާ މާހިރުން ބުނާގޮތުގައި، ކައިވެނިކުރާ މިންވަރު ދަށްވުމަކީ އާބާދީ އިތުރަށް ދަށަށް ދިއުމަށް މަގުފަހިވާނެ ކަމެކެވެ.

ޗައިނާގެ ސަގާފަތާއި އެ ގައުމުގެ އިދާރީ އުސޫލުތައް ހުންނަގޮތުން، ދަރިން ހޯދުމަކީ ކައިވެންޏާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. ގިނަ އާއިލާތަކުން ކުދިން ހޯދަނީ ކައިވެންޏަށް ފަހުގައެވެ. އަދި ބައެއް ހާލަތްތަކުގައި ދަރިން ރަޖިސްޓްރީ ކުރުމަށާއި، ސަރުކާރުން ދޭ އެކި ކަހަލަ އިނާޔަތްތައް ހޯދުމަށް ކައިވެނީގެ ސެޓްފިކެޓް އޮތުމަކީ މަޖުބޫރު ކަމެކެވެ.

މި މައްސަލަ ހައްލުކޮށް، މީހުން ކައިވެނިކުރުމަށާއި ދަރިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ޗައިނާގެ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި އާއިލާތަކަށް މާލީ އެހީތެރިކަން ދިނުމާއި، ކުދިން ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ވިހެއުމާ ގުޅޭ ބޭސްފަރުވާގެ ހަރަދުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ.

ނަމަވެސް، މި ފިޔަވަޅުތަކާއެކުވެސް ކައިވެނިކުރާ މިންވަރު ދަށަށް ދާތީ، މިއީ އެ ގައުމުގެ އިގްތިސާދަށާއި އިޖުތިމާއީ އޮނިގަނޑަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!