ބޮލީވުޑްގެ އީރާނު ބަތަލާ މަންދަނާ ކަރީމީ 16 އަހަރަށްފަހު އިންޑިއާ ދޫކޮށް ދިއުމަށް ނިންމައިފިއެވެ. އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 9 އިން ބޮޑު މަގުބޫލުކަމެއް ހޯދި އީރާނަށް އުފަން ބަތަލާ މަންދަނާ ކަރީމީ، 16 އަހަރު ދުވަހު އިންޑިއާގައި ދިރިއުޅުމަށްފަހު އެ ގައުމު ދޫކޮށް ދިއުމަށް ނިންމައިފިއެވެ.
މަންދަނާ މިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއެކު ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަނެއްގައެވެ. މުމްބާއީ ދޫކޮށް ދަނީތޯ ސަޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މަންދަނާ ބުނީ، އިންޑިއާއަށް މިގޮތަށް އަލްވަދާއު ކިޔަން ޖެހިދާނެ ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށެވެ. އަދި އިންޑިއާއަކީ އޭނާގެ ދެވަނަ ގެ ކަމަށްވީ ނަމަވެސް، މިހާރު އާ ފެށުމަކުން ދިރިއުޅުން ފަށަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
މަންދަނާ އިންޑިއާ ދޫކޮށްލަން ނިންމި ސަބަބުތަކުގެ ތެރޭގައި، އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަމާއި، އީރާނުގެ ލީޑަރު އާޔަތުﷲ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން އިންޑިއާގެ މަގުތަކުގައި މީހުން ހިތާމަފާޅުކުރަމުން ދިޔަ ގޮތް ހިމެނެއެވެ. މަންދަނާ ބުނި ގޮތުގައި، އޭނާއަށް އިންޑިއާއިން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށާއި، އޭނާ ގަބޫލުނުކުރާ ކަންކަމަށް އެ ގައުމުގައި ތާއީދު އޮތުމުން މާޔޫސްވެފައިވާ ކަމަށެވެ.
އުމުރުން އެންމެ 18 އަހަރުގައި އެކްޓިންގެ ދާއިރާއިން ކުރިއަށް ދިއުމަށް އީރާނު ދޫކޮށް އިންޑިއާއަށް ހިޖުރަކުރި މަންދަނާއަކީ، މީގެ 10 އަހަރު ކުރިން އީރާނަށް ވަނުން މަނާކޮށްފައިވާ ފަންނާނެކެވެ. އެހެންކަމުން އޭނާއަށް އެނބުރި އަމިއްލަ ގައުމަށް ދިއުމުގެ ފުރުސަތެއް ނެތެވެ.
އިންޑިއާ ދޫކޮށް ދާން ނިންމި ނަމަވެސް، ދެން ދިރިއުޅުން ބަދަލުކުރާނީ ކޮން ގައުމަކަށް ކަމެއް މަންދަނާ އަދި ހާމައެއް ނުކުރެއެވެ. އޭނާ ބުނި ގޮތުގައި މިއީ އޭނާގެ ދިރިއުޅުމުގައި ކުރިމަތިލާނެ އާ ދަތުރެކެވެ.







