ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބަޖެޓް އެއާލައިން، ފްލައިދުބާއީން ޕާކިސްތާނުގެ އިސްލާމްއާބާދު، ލާހޯރު އަދި ޕެޝާވަރަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފިއެވެ.
އެ އެއާލައިނުން ޕާކިސްތާނުގައި ގާއިމުކޮށްފައިވާ ފްލައިޓް އިންކުއަރީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ދަތުރުތައް މެދުކަނޑާލާފައިވަނީ "އޮޕަރޭޝަނަލް" ސަބަބުތަކަށްޓަކައެވެ. މި ނިންމުމާއެކު އަންނަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ތިން ސިޓީއަށް ކުރާ ދަތުރުތައް ހުއްޓިފައި އޮންނާނެއެވެ. ނަމަވެސް، ކަރާޗީއަށް ކުރާ ދަތުރުތައް އެއްވެސް މެދުކަނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެއާލައިނުން ކަށަވަރުކޮށްދެއެވެ.
ފްލައިޓްތައް މޮނިޓަރ ކުރާ "ފްލައިޓްރޭޑާ24″ އިން ދައްކާ ގޮތުގައި، ދުބާއީ އާއި އިސްލާމްއާބާދު، ލާހޯރު އަދި ޕެޝާވަރާ ދެމެދު ކުރާ ފްލައިޓްތައް މިދިޔަ މެއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ވަނީ ކެންސަލްކޮށްފައެވެ. ފްލައިދުބާއީން އިސްލާމްއާބާދާއި ލާހޯރަށް ދަތުރުތައް ފެށީ ޖުލައި 2024 ގައެވެ. އަދި ޕެޝާވަރަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގައެވެ.
މިދިޔަ މާރިޗު މަހުގެ 31 ވަނަ ދުވަހު ފްލައިދުބާއީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެއާލައިންގެ ދަތުރުތައް މިހާރު ކުރިއަށްދަނީ މަދު ޝެޑިއުލްތަކަކާއެކު ކަމަށެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މަސްރަހު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށްވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން، މަތިންދާބޯޓުތަކަށް އަޅާ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން އެންމެ ފަހުގެ މައުލޫމާތާއި ފްލައިޓްގެ ހާލަތު އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ބެލުމަށް ފްލައިދުބާއީން ވަނީ އިލްތިމާސްކޮށްފައެވެ.



