ޔަހޫދީ ޖެނޮސައިޑް ރެޖީމާ ގުޅިގެން އީރާނާ ދެކޮޅަށް މަސައްކަތްކުރާ ޤައުމުތަކުން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ބުނެ، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އީރާނުގެ ރައްޔިތުންނާ ދެކޮޅުވެރިވުމަކީ "މޮޔަ ކަމެއް" ކަމަށެވެ. އަދި އެފަދަ ދެކޮޅުވެރިކަމެއްގައި ޔަހޫދީ ޖެނޮސައިޑް ރެޖީމާ ބައިވެރިވެ "އަތުގުޅާލުމަކީ" މާފުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަރަގްޗީ މިހެން ވިދާޅުވެފައިވަނީ، ޔަހޫދީ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫ އީރާނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދާދި ފަހުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ، ނަތަންޔާހޫ މިހާރު އެ ބުނަނީ އީރާނުގެ ސަލާމަތީ ޚިދުމަތްތަކުން މީގެ މާކުރިންވެސް އީރާނުގެ ލީޑަރޝިޕަށް އަންގާފައިވާ މައުލޫމާތުތައް ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އޭނާ ވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް އެމް ބީ ޒެޑްއާ އެކު ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ. މިކަމަށް އިޝާރާތް ކުރައްވައި އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އިސްރާއީލާއެކު ބައިވެރިވެގެން އިސްލާމީ އުންމަތުގެ ތެރޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
ޔޫއޭއީއަކީ ލީބިޔާއާއި ސޫދާނާއި ސޯމާލިއާ އަދި ޔަމަނާއި އިތިއޯޕިއާގައި އަރަބިންނާ ދެކޮޅަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ގައުމެކެވެ. އަދި ޔޫއޭއީ އަކީ ޔޫރަޕްގައިވެސް އިޚުވާނުލްމުސްލިމޫނާ ދެކޮޅަށް މަސައްކަތްކޮށް އިސްލާމޯފޯބިއާއަށް ހިތްވަރުދިން ގައުމެއް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.






