އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، އިސްރާއީލާ ދެކޮޅަށް އީރާނުން ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްރޮޕެގަންޑާގެ ވަރުގަދަ ކެމްޕޭނެއް ދުނިޔޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަތުރައި އެ ހަނގުރާމަ އީރާނުން އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ކާމިޔާބު ކޮށްފިކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.
މި ފަހަކަށް އައިސް އީރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި އެތައް ސަތޭކަ ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތަކުން ދިފާއުވުމަށް އިސްރާއީލުން މަސައްކަތް ކުރި ނަމަވެސް، އީރާނުގެ "ޑިޖިޓަލް ހަތިޔާރުތަކުން" ސަލާމަތްވުމަކީ އިސްރާއީލަށް ކުރިމަތިވެފައިވާ މާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޔަހޫދީ މާހިރުން ސިފަކުރެއެވެ.
އެމެރިކާ އާއި އިސްރާއީލުން އޭއައި ބޭނުންކުރަމުން ދަނީ ހަނގުރާމައިގެ މައިދާނުގައި އަމާޒުތައް ދެނެގަތުމަށާއި ހަމަލަ ދީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށާއި ވައިގެ ހަމަލާތައް ދިނުމަށެވެ. ނަމަވެސް އީރާނުން މި ވަސީލަތް ބޭނުންކުރަނީ މީހުންގެ ހިތްތައް ދަމައި ގަނެ ފިކުރާ ކުޅެލުމަށެވެ. އެކަމުގައި އީރާނުން ކުރި ހޯދައިފިއެވެ.
މިގޮތުން ހުޅަނގުގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން އޭއައި މެދުވެރިކޮށް އުފައްދާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އީރާނުން އަންނަނީ ވަރަށް ބޮޑަށް ފަތުރަމުންނެވެ. އޭގެ ތެރޭގައި އިސްރާއީލާއި އެމެރިކާގެ ލީޑަރުންގެ އަގު ވައްޓާލާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓާއި، އީރާނުގެ އަސްކަރީ ގާބިލުކަން ދައްކުވައިދޭ މަންޒަރުތައް ހިމެނެއެވެ.
ހުޅަނގާއި އެމެރިކާއާއި އިސްރާއީލުގައި މަގްބޫލުކަން ހޯދާފައިވާ އީރާނުގެ މީޑިއާ ކޮންޓެންޓްތަކާ ބެހޭ ގޮތުން އިސްރާއީލުގެ ދިރާސާތައް ބުނާގޮތުން، އީރާނުން އުފައްދާފައިވާ މިފަދަ އޭއައި ކޮންޓެންޓްތަކަށް އިންޓަނެޓްގައި އެއް ބިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. މީގެ ތެރޭގައި އިސްރާއީލާ ދެކޮޅު "ލެގޯ" ފަދަ ކުޑަކުދިން ކުޅޭ ތަކެތީގެ ސިފައިގައި ފަރުމާކޮށްފައި ހުންނަ މީޑއާ ކޮންޓެންޓާއި، ހަގީގީ މަންޒަރުތަކެއްގެ ގޮތުގައި ދައްކުވައިދޭ "ފޭކް ފުޓޭޖް" ތައް ހިމެނެއެވެ.
މި ޑިޖިޓަލް ހަނގުރާމައިގައި އީރާނުން ބޭނުންކުރާ އެންމެ ނުރައްކާތެރި އެއް ވަސީލަތަކީ "ޑީޕް ފޭކް" ވީޑިއޯތަކެވެ. މި ވީޑިއޯތަކުން ހަނގުރާމައިގެ މައިދާނުގެ ހަގީގަތް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާއިރު، މީގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލުގެ އަގު ވެއްޓި އޮންނަ ތާއީދާއި މަގުބޫލުކަން ކުޑަވެ، އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކަށް ބޭނުންވާ ސިޔާސީ ސަޕޯޓް ހޯދުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށްވެސް މިދިރާސަތުގައި ބުނެއެވެ.
އީރާނުން އޭއައި ބޭނުންކޮށްގެން ފަތުރާ މި ޕްރޮޕެގަންޑާގެ ސަބަބުން، ހާއްސަކޮށް އެމެރިކާގެ ޒުވާނުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންގެ މެދުގައި އިސްރާއީލުގެ ހަގީގަތް ސާފުވެ ޖެނޮސައިޑް އަމަލުތަކާ ދެކޮޅު ވިސްނުން އިތުރަށް ވަރުގަދަވަމުންދާކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މިއީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ހަނގުރާމަ ކުރުމުގެ ބަދަލުގައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ ރައުޔު ބަދަލުކުރުމަށް އީރާނުން ހޯދި ކާމިޔާބީއެއް ކަމަށް ޔަހޫދީން ބުނެއެވެ.






