އިސްރާއީލުގެ ސައިބަރ އިންފްލުއެންސް ކުންފުންޏެއް ކަމަށްވާ "ބްލެކްކޯ" އިން ފްރާންސްގެ 2026 ވަނަ އަހަރުގެ މުނިސިޕަލް އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ފަރަންސޭސިވިލާތުގެ އިންޓެލިޖެންސް އެޖެންސީތަކުން، ސީރިއަސް ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ފަރަންސޭސިވިލާތުގެ ވާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ ފްރާންސް އަންބޯޑް (އެލް.އެފް.އައި) ގެ ކެންޑިޑޭޓުންގެ އަބުރު ކަތިލުމަށް ހިންގި ޑިޖިޓަލް ކެމްޕޭނަކަށެވެ.
ބްލެކްކޯއާ ދެކޮޅަށް ކުރެވޭ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި، މާސޭ، ޓޫލޫސް އަދި ރޫބޭ ފަދަ ސިޓީތަކުގެ އެލް.އެފް.އައި ގެ ކެންޑިޑޭޓުންނާ ދެކޮޅަށް ދޮގު މައުލޫމާތު ފެތުރުން ހިމެނެއެވެ. މިގޮތުން، އޮޅުވާލައިގެން ހަދާފައިވާ ވެބްސައިޓްތަކާއި ފޭކް ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކޮށްގެން، ކެންޑިޑޭޓުންގެ މައްޗަށް ޖިނާއީ ކުށްތަކާއި ޖިންސީ ގޯނާގެ ދޮގު ތުހުމަތުތައް ފަތުރާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
ބްލެކްކޯ އަކީ އެކުންފުނިން އަމިއްލައަށް ސިފަކުރާ ގޮތުގައި "އެލީޓް އިންފްލުއެންސް" ކުންފުންޏެކެވެ. މި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޒަމާނީ މަޢުލޫމާތުގެ ހަނގުރާމައިގައި ސަރުކާރުތަކަށް ބޭނުންވާނެ، އާންމުންގެ ވިސްނުން ބަދަލުކޮށް ދިނުމާއި ވަކި ގޮތަކަށް ވާހަކަތައް ބައްޓަން ކޮށް މީޑިއާގައި ވާހަކަ ފެތުރުމުގެ އުކުޅުތަކާއި ވަސީލަތްތަކެވެ. މި ކުންފުނިން މީގެ ކުރިން އެފްރިކާގެ ގައުމެއްގައި 14 ހަފްތާގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމުގެ ހެކި ވެސް ވަނީ ފެނިފައެވެ.
މި ނުފޫޒުތަކުގެ ސަބަބުން ފަރަންސޭސި ޑިމޮކްރަސީއަށް ކުރާ އަސަރާ ބެހޭގޮތުން އެލް.އެފް.އައި ގެ ތަރުޖަމާނަކު ވިދާޅުވީ، "ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ވެސް މިފަދަ ހަމަލާތަކުގެ މައިދާނަކަށް ވާނެ ކަމަށް އަޅުގަނޑުމެން ލަފާކުރަން" ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ބޭރުގެ ނުފޫޒުތައް ވަންނަ މިންވަރު އިތުރުވަމުންދާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މެޓާ (ފޭސްބުކް) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހަމަލާތަކުގެ ފަހަތުގައިވާ ނެޓްވޯކް އުފެދިފައިވަނީ އިސްރާއީލުގައެވެ. މިއީ އިސްރާއީލުގެ އަމިއްލަ ކުންފުނިތަކުން ދޮގު މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް ބޭރު ގައުމުތަކަށް "އެކްސްޕޯޓް" ކުރާ ކަމުގެ އިތުރު ހެއްކެކެވެ. މީގެ ކުރިން އިސްރާއީލުގެ އެހެން ކުންފުންޏެއް ކަމަށްވާ "ބްލެކް ކިއުބް" އިން ވެސް ސްލޮވީނިއާގައި މިފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބްލެކްކޯއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބެން ނެތް ކަމަށް ބުނި ނަމަވެސް، އިސްރާއީލަށް ނިސްބަތްވާ ސައިބަރ-އިންފްލުއެންސް ކުންފުނިތަކުން ބޭރުގެ އިންތިޚާބުތަކަށް ތަކުރާރުކޮށް ނުފޫޒު ފޯރުވުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ކަންބޮޑުވުމަކަށް މިހާރު ވަނީ ވެފައެވެ.






