ދުނިޔޭގެ ވަރުގަދަ ޕާސްޕޯޓުތަކުގެ ރޭންކިންގައި ޕާކިސްތާނު 100 ވަނައަށް ވެއްޓިއްޖެ

ހެންލީ ޕާސްޕޯޓް އިންޑެކްސްއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުތަކުގެ ލިސްޓުގެ 100 ވަނައަށް ޕާކިސްތާނު ހިނގައްޖެއެވެ. މިއީ ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ އަދަދަށް ބަލައި ތައްޔާރުކޮށްފައިވާ ގިންތިކުރުމެކެވެ.

ދުނިޔޭގެ 199 ގައުމެއްގެ ޕާސްޕޯޓާއި 227 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު އޮންނަ މިންވަރަށް ބަލައި ތައްޔާރުކުރާ މި ގިންތިކުރުމުގައި ޕާކިސްތާނަށް މިހާރު ވިސާއާ ނުލައި ދަތުރުކުރެވެނީ އެންމެ 30 ގައުމަށެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނު އޮތީ މި ލިސްޓުގެ އެންމެ ފުލުގައެވެ. ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ދަރަޖަ މަޑުމަޑުން ކުރިއަރަމުން އައިސް، މިއަހަރުގެ ޖެނުއަރީ މަހު ވަނީ 98 ވަނައަށް ޖެހިލާފައެވެ.

މިދިޔަ ފެބުރުވަރީ މަހު ޕާކިސްތާނުގެ ރައްޔިތުންނަށް 32 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ވީނަމަވެސް، މެއި މަހުގެ ރޭންކިންގައި މި އަދަދު ވަނީ 30 އަށް ދަށްވެފައެވެ. މިހާރު ޕާކިސްތާނަށްވުރެ ދަށުގައި މި ލިސްޓުގައި އޮތީ އިރާގު، ސީރިއާ އަދި އަފްޣާނިސްތާނެވެ. އަވަށްޓެރި އިންޑިއާގެ ޕާސްޕޯޓު ވެސް ވަނީ މިއަހަރު ކުރީކޮޅު އޮތް 75 ވަނައިން 78 ވަނައަށް ދަށަށް ގޮސްފައެވެ.

މި ލިސްޓުގެ އެންމެ ކުރީގައި އޮތީ ސިންގަޕޫރެވެ. ދެވަނައިގައި ޖަޕާން، ދެކުނު ކޮރެއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ހިމެނޭއިރު، ތިންވަނައިގައި އޮތީ ސްވިޑަންއެވެ. މީގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކެއް ހަތަރުވަނައިގައި ހިމެނޭއިރު، އެމެރިކާ އޮތީ ލިސްޓުގެ 10 ވަނައިގައެވެ.

ޕާކިސްތާނުގެ ރޭންކިންއަށް އައި މި ބަދަލަކީ ބައިނަލްއަގުވާމީ ވިސާ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން މެދުވެރިވި ބަދަލެއް ކަމަށް މާހިރުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!