އިންޑިއާއިން ނިއުކްލިއަރ ބާރުގަދަކޮށް، ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރަނީ

އިންޑިއާއިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރުތައް ޒަމާނީކޮށް، "ނިއުކްލިއަރ ޓްރިއަޑް" ނުވަތަ އެއްގަމާއި، ވައިގެ މަގުން އަދި ކަނޑުގެ އަޑިން ނިއުކްލިއަރ ހަމަލާދިނުމުގެ ގާބިލުކަން އާދަޔާޚިލާފަށް ވަރުގަދަކުރަން ފަށައިފިއެވެ. މި މަސައްކަތާއެކު، އިންޑިއާ މިހާރު ބަދަލުވަމުންދަނީ ސަރަހައްދީ ބާރަކުން، ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް ނިއުކްލިއަރ ހަމަލާ ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާ ބާރަކަށެވެ.

އިންޑިއާގެ ނިއުކްލިއަރ ސިޔާސަތު ބިނާވެފައިވަނީ "ނޯ ފަސްޓް ޔޫސް" ގެ އިސްވެ ހަމަލާނުދިނުމުގެ އުސޫލުގެ މައްޗަށެވެ. އިންޑިއާގެ ނިއުކްލިއަރ ހަމަލާގެ ބާރުގެ މައިބަދައަކީ "އަގްނީ" މިސައިލް އާއިލާއެވެ. މީގެ ތެރޭގައި 700 ކިލޯމީޓަރުގެ ރޭންޖެއް ހުންނަ އަގްނީ-1 އިން ފެށިގެން، 5,000 ކިލޯމީޓަރަށް ދަތުރުކުރާ އަގްނީ-5 ހިމެނެއެވެ. އަގްނީ-5 އަކީ ޗައިނާގެ ބެއިޖިން ފަދަ ބޮޑެތި ސިޓީތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. މީގެ އިތުރުން، ކުރު ރާސްތާގެ "ޕްރިތްވީ-2″ މިސައިލްތަކުން އިންޑިއާގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަކޮށްދެއެވެ.

ކަނޑުގެ އަޑިން ހަމަލާދިނުމުގެ ގާބިލުކަމަށް ބަލާއިރު، އިންޑިއާގެ "އަރިހާންތު" ކްލާސްގެ ނިއުކްލިއަރ ސަބްމެރިންތަކަކީ އެގައުމުގެ އެންމެ ރައްކާތެރި އަދި ވަރުގަދަ ބާރެވެ. މީގެ ތެރޭގައި އައި.އެން.އެސް އަރިހާންތު، އައި.އެން.އެސް އަރިގާތު އަދި އައި.އެން.އެސް އަރިދަމަން ހިމެނެއެވެ. މި ސަބްމެރިންތަކުގައި ކޭ-15 އަދި ކޭ-4 ބެލިސްޓިކް މިސައިލް ހަރުކޮށްފައިވާއިރު، ކޮންމެ ވަގުތަކުވެސް މަދުވެގެން އެއް ސަބްމެރިން ކަނޑުގެ އަޑީގައި ފޯރިމަރަމުންދެއެވެ. މިއީ ދުޝްމަނުންގެ ހަމަލާއަކަށްފަހު ދެވަނަ ހަމަލާއެއް ދިނުމުގެ ޔަގީންކަން ދޭ ކަމެކެވެ.

ވައިގެ މަގުން ނިއުކްލިއަރ ހަމަލާދިނުމަށް އިންޑިއާއިން ބޭނުންކުރަނީ މިރާޖް 2000އެޗް، ޖެގުއާ، ސުކޯއީ-30އެމްކޭއައި އަދި ރަފައެލް މަތިންދާބޯޓުތަކެވެ. މި ބޯޓުތަކުން ނިއުކްލިއަރ ބޮމާއި ކްރޫޒް މިސައިލް ފޮނުވާލެވޭއިރު، މިއީ ހަމަލާއެއް ދޭން ފެށުމަށްފަހުވެސް އަނބުރާ ގެނައުމުގެ އިޚްތިޔާރު އޮންނަ ވަސީލަތެކެވެ.

އިންޑިއާގެ މުސްތަގުބަލުގެ ރޭވުންތަކުގެ ތެރޭގައި 10,000 އާއި 12,000 ކިލޯމީޓަރާ ދެމެދުގެ ރޭންޖެއް ހުންނަ އަގްނީ-6 މިސައިލާއި، އެއްފަހަރާ ގިނަ އަމާޒުތަކަށް ހަމަލާދެވޭ "އެމް.އައި.އާރް.ވީ" ޓެކްނޮލޮޖީ ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން ހައިޕަސޮނިކް ގްލައިޑް ވެހިކަލްތަކާއި ބޮޑެތި ސަބްމެރިންތައް އުފެއްދުމަށް ކުރާ މަސައްކަތުން ދޭހަވަނީ، އިންޑިއާއިން ދުނިޔޭގެ ނިއުކްލިއަރ ޗާޓުގައި ބޮޑު ބާރަކަށް ވުމަށް ކުރާ އުންމީދެވެ.

ހިއްސާ ކުރައްވާ!