އިންޑިއާއިން މަލަކާ ކަނޑުއޮޅި ކޮންޓްރޯލު ކުރުމަށް މަސައްކަތް ފަށައިފި

އިންޑިއާ ކަނޑުގެ ސަލާމަތީ މަސްރަހަށް ބޮޑު ބަދަލެއް ގެނުވާނެ ފަދަ ގޮތަކަށް، އިންޑިއާގެ ގްރޭޓް ނިކޯބާރު ޖަޒީރާ ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިންޑިއާ ސަރުކާރުން ކުރިއަށް އެބަގެންދެއެވެ. މިއީ ޗައިނާގެ މުދާ އުފުލާ އުޅަނދުފަހަރު ދަތުރުކުރާ އެންމެ މުހިންމު އެއް މަގު ކަމުގައިވާ މަލަކާ ކަނޑުއޮޅި އަށް އަމާޒުކޮށް، އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދުމަށް އިންޑިއާ އިން އަޅާ ސްޓްރެޓެޖިކް ފިޔަވަޅެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ.

ޗައިނާގެ އިގްތިސާދަށް ބޭނުންވާ ހަކަތައާއި މުދާ އުފުލާ އުޅަނދުފަހަރު މަލަކާ ކަނޑުއޮޅިން ދަތުރުކުރަން ޖެހުމަކީ ޗައިނާގެ އެންމެ ބޮޑު ނާޒުކު ހާލަތް ކަމަށް އެގައުމުގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ. ގްރޭޓް ނިކޯބާރު ޖަޒީރާގައި އިންޑިއާ އިން ގާއިމުކުރާ ޓްރާންސްޝިޕްމަންޓް ބަނދަރާއި ސަވައިލަންސް ނިޒާމުގެ ސަބަބުން، މަލަކާ ކަނޑުއޮޅިން ވަދެ ނިކުމެވާ އުޅަނދުފަހަރު ދަތުރުކުރާ 'ސިކްސް ޑިގްރީ ޗެނަލް' ސީދާ އިންޑިއާގެ ބެލުމުގެ ދަށަށް އަންނާނެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި 2024 ވަނަ އަހަރުގެ ފަހުކޮޅު އިފްތިތާހުކޮށްފައިވެއެވެ. އެއް އަހަރު ތެރޭގައި އެއް މިލިއަން ޓީ.އީ.ޔޫ އަށް ވުރެ ގިނަ ކޮންޓެއިނާ މުދާ އެ ބަނދަރުން ވަނީ ހޭންޑްލްކޮށްފައެވެ. މިއީ ސިންގަޕޫރާއި ކޮލަމްބޯ ފަދަ ބޭރުގެ ބަނދަރުތަކަށް އިންޑިއާ އިން ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޗައިނާ އިން އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި، ބަނދަރަށް އިންވެސްޓް ކުރެއެވެ. މިސާލަކަށް ޕާކިސްތާނުގެ ގްވާދަރު، ސްްރީލަންކާގެ ހަމްބަންޓޮޓާ އަދި މިޔަންމާގެ ކިޔައުކްޕޫގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންދަނީ މި މައްސަލައަށް ހައްލެއް ހޯދުމަށެވެ. ނަމަވެސް، މަލަކާ ކަނޑުއޮޅީގެ ތުންފަތް މަތީގައި އިންޑިއާއަށް ލިބިފައިވާ ގުދުރަތީ މަގާމާ އެއްވަރުގެ ފުރުސަތެއް ޗައިނާއަށް ނެތް ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

މި މަޝްރޫޢާ ގުޅިގެން ތިމާވެށީގެ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި ޖަންގަލިތައް ހަލާކު ކުރުމާއި، ވެލާ، ކަހަނބު ބިސް އަޅާ ސަރަހައްދުތަކަށް ގެއްލުން ދިނުމާއި، އެ ސަރަހައްދުގައި ދިރިއުޅޭ 'ޝޮމްޕެން' ގަބީލާގެ މީހުންގެ ހައްގުތަކަށް އަރައިގަތުން ހިމެނެއެވެ.

އިންޑިއާގެ ނޭޝަނަލް ގްރީން ޓްރައިބިއުނަލް އިން ވަނީ މިކަންކަމާ ގުޅޭ 42 ޝަރުތެއް ސަރުކާރަށް ކުރިމަތިކޮށްފައެވެ. އެހެންނަމަވެސް، މި ފަދަ ތިމާވެށީގެ މައްސަލަތައް ސިޔާސީ ބޭނުންތަކަށް ބޭނުން ނުކުރުމަށް ސަރުކާރުން އިލްތިމާސްކުރެއެވެ.

ހިއްސާ ކުރައްވާ!