ޗައިނާގެ ރައީސް ޝީ ޖިންޕިންގް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރު ދެއްވަމުން ވިދާޅުވީ ޓައިވާނުގެ މައްސަލަ ރަނގަޅު ގޮތުގައި ހައްލު ނުކުރެވިއްޖެނަމަ، ދެ ގައުމުގެ ދެމެދުގައި "ކުރިމަތިލުމަކަށް" މަގުފަހިވެދާނެ ކަމަށެވެ. މި އިންޒާރު ދެއްވާފައިވަނީ ބެއިޖިންގްގައި ކުރިއަށްދާ ބޮޑު ދެބާރުގެ މަހާސިންތާ ފެށުމުގެ ތަގްރީރުގައެވެ.
ރައީސް ޓްރަމްޕް ޗައިނާއަށް ވަޑައިގެން ޝީ އަކީ "މޮޅު ލީޑަރެއް" އަދި "ރަހުމަތްތެރިއެއް" ކަމަށް ސިފަކުރައްވަމުންނެވެ. އަދި ދެ ގައުމުގެ މުސްތަގުބަލު އުޖާލާވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޝީގެ ރޫހު ހުރީ ސީދާ އަދި ސީރިއަސް މައްސަލަތަކަށް ބަހުސް ކުރައްވާ ގޮތަށެވެ. ޝީ ވިދާޅުވީ ދެ ގައުމަކީ ވާދަވެރި ދެ ގައުމަށް ވުމުގެ ބަދަލުގައި ބައިވެރިންނަށް ވާންޖެހޭ ބަޔެއް ކަމަށާއި، ޓައިވާނުގެ މައްސަލައަކީ ޗައިނާ-އެމެރިކާ ގުޅުމުގައި އޮތް އެންމެ ހައްސާސް މުހިންމު މައްސަލަ ކަމަށެވެ.
"މި މައްސަލަ ގޯސްކޮށް ބެލެހެއްޓިއްޖެނަމަ، ދެ ގައުމު މުޑިއަރައި ކުރިމަތިލުމަކަށް ގޮސް، މުޅި ގުޅުން ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ،" ޗައިނާގެ ރައީސް ޝީ ވިދާޅުވިއެވެ. ޝީ އިތުރަށް އިޝާރާތް ކުރެއްވީ އާރާއި ބާރު އިތުރުވަމުން އަންނަ ގައުމަކާއި ވެރިކަންކުރާ ބާރެއްގެ ދެމެދުގައި ހަނގުރާމައެއް ހިނގުމުގެ ނުރައްކާ އޮންނަ އަނދަވަޅުން ދެ ގައުމަށް ސަލާމަތްވެވޭނެތޯއެވެ.
މި ދަތުރުފުޅުގައި ޓްރަމްޕާއެކު އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ސީއީއޯއިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އީލޮން މަސްކް، އެޕަލްގެ ޓިމް ކުކް އަދި އެންވީޑިއާގެ ޖެންސަން ހުއަންގް ހިމެނެއެވެ. އަދި ވިޔަފާރި ހޯދުމަށް ޓްރަމްޕްގެ އާއިލާހެ މެމްބަރުންވެސް ބައިވެރި ވެއެވެ. ޝީ ވިދާޅުވީ ޗައިނާގެ ދޮރުތައް އެމެރިކާގެ ކުންފުނިތަކަށް އިތުރަށް ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ޗައިނާއިން ވަނީ އެމެރިކާގެ ގެރިމަސް އެކްސްޕޯޓްކުރާ ސަތޭކައަށްވުރެ ގިނަ ކުންފުނިތަކުގެ ލައިސަންސް އާކޮށްދީފައެވެ.
ޓްރަމްޕް ވަނީ އީރާނުގެ މައްސަލައިގައި ޝީއާ ދިގު މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އީރާނުން އެންމެ ގިނައިން ތެޔޮ ވިއްކަނީ ޗައިނާއަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނުން ޕާޝިއަން ގަލްފުގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ޗައިނާއިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޓެރިފްގެ މައްސަލައާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ވާދަވެރިކަމާއި، ރެއަރ އާތު އެކްސްޕޯޓް ކޮންޓްރޯލް ކުރުމާ ގުޅޭގޮތުންވެސް މި ސަމިޓުގައި މަޝްވަރާ ކުރެވޭނެއެވެ. ޓްރަމްޕް އުންމީދު ކުރައްވަނީ 2026 ވަނަ އަހަރު ޝީ އެމެރިކާއަށް ކުރައްވާނެ ދަތުރުފުޅެއްގެ ތާރީޚު މި ބައްދަލުވުމުން ކަށަވަރު ކުރެވޭނެ ކަމަށެވެ.





