އެއްފަރާތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ޖައިޝަންކަރު ވިދާޅުވެއްޖެ

އެއްފަރާތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާއި މަޖުބޫރުކުރުވުމުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ހިލާފު ކަންކަން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ. ނިއުދިއްލީގައި ކުރިއަށްދާ ބްރިކްސްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ނުބައްދަލު ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

އެމެރިކާއިން އިންޑިއާގެ މުދަލުން ނަގާ ޓެރިފްތަކަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، "މިފަދަ އަމަލުތަކަކީ މަޝްވަރާގެ ބަދަލުގައި ބޭނުންކުރެވޭނެ ވަސީލަތްތަކެއް ނޫން" ކަމަށާއި، މީގެ ސަބަބުން ކުރިއަރަމުން އަންނަ އިގްތިސާދުތަކުގެ ނާޒުކުކަން އިތުރުވަމުންދާ ކަމަށެވެ. އެމެރިކާއިން ވަނީ އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނާތީ 25 އިންސައްތައިގެ ޓެކުހެއް ހިމެނޭހެން ބޮޑެތި ޓެރިފްތަކެއް ކުރިން ކަނޑައަޅާފައެވެ.

ދުނިޔޭގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ޖަޔަސަންކަރު ވިދާޅުވީ ހަނގުރާމަތަކާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކާއި، އަދި ބަލިމަޑުކަމަށްފަހު ކުރިމަތިވި ލޮޅުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުއައްސަސާތައް އިމްތިހާނު ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅިއާއި ރެޑްސީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ޣައްޒާގެ މައްސަލައިގައި އިންޑިއާގެ ތާއީދު އޮތީ ދެ ދައުލަތުގެ ހައްލަކަށް ކަމަށް ވިދާޅުވެ، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޖައިޝަންކަރު ގޮވާލެއްވިއެވެ. އަދި ޓެރަރިޒަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ، ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމަށް "ޒީރޯ ޓޮލަރެންސް" ގެންގުޅެންޖެހޭ ކަމަށެވެ.

ޖައިޝަންކަރު ވަނީ އދ. ގެ ސަލާމަތީ މަޖިލިސް ފުޅާކުރުން ހިމެނޭހެން ބައިނަލްއަގުވާމީ އިދާރާތަކަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައްވާފައެވެ. ދުނިޔޭގެ ނުތަނަވަސްކަމުގެ ތެރޭގައި ބްރިކްސްއަކީ ހަމަޖެހުން ގާއިމުކޮށްދޭނެ ބާރެއްގެ ގޮތުގައި ކުރިއަރަމުން އަންނަ އިގްތިސާދުތަކުން އުންމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް