އިންޑިއާގެ މުމްބާއީގައި، އަނބިމީހާއާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވާ ކަމަށް ތުހުމަތުކުރެވޭ ތީ ލޯބިވެރިޔާއަށް ގެއަށް އައުމަށް ދައުވަތު ދީގެން ގެނަސް އޭނާ މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ މެދުތެރޭ ސަރަހައްދެއްގައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 48 އަހަރުގެ ބީމްރާޖް އޯމްޕްރަކާޝް ޝަރުމާއެވެ. އޭނާ މަރާލާފައިވަނީ ވިކާސް އަޝޯކް ބޫސާރޭ ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ، ޝަރުމާގެ ގެއަށް ބޫސާރޭ ގެންގޮސް، ޝަރުމާ އާއި އޭނާގެ އަނބިމީހާ އަދި ބޫސާރޭ އެކުގައި ރާ ބޯން ތިބި ކަމަށެވެ. މިގޮތަށް ތިބުމުގެ ތެރޭގައި، އަނބިމީހާއާ ބޫސާރޭއާ ދެމެދު އޮތް ކަމަށް ތުހުމަތުކުރެވޭ ގުޅުމާ ބެހޭގޮތުން ޝަރުމާ ސުވާލުކޮށް، ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފެށިއެވެ. އަދި އޭނާގެ އަނބިމީހާއާ ދުރުގައި ހުރުމަށް ޝަރުމާ ބޫސާރޭއަށް އިންޒާރު ދިނެވެ.
ދެ ބައި މީހުންގެ ޒުވާބު ބޮޑުވެ މާރާމާރީ ހިންގުމަށްފަހު ޝަރުމާ ވަނީ އޭނާގެ އަނބިމީހާގެ ކުރިމަތީގައި ބޫސާރޭގެ ކަރު އަޅައި އޭނާ މަރާލާފައެވެ. މި ހާދިސާ ހިނގާފައިވަނީ އެ ދެމަފިރިން ދިރިއުޅޭ ފްލެޓްގެ ތެރޭގައެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ޝަރުމާ މި އަމަލު ހިންގީ އޭނާގެ އަނބިމީހާއާއި ބޫސާރޭއާ ދެމެދު ނަހަމަ ގުޅުމެއް އޮންނަ ކަމަށް އޭނާއަށް ޔަގީން ކުރެވުމުންނެވެ.
މި މައްސަލައާ ގުޅިގެން މުމްބާއީ ފުލުހުން މިހާރު ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ތަހުގީގެއް ފަށާފައެވެ. މިގޮތުން، ޝަރުމާގެ އާއިލާގެ މެންބަރުންނާއި އަވަށްޓެރިންނާ ސުވާލުކޮށް، މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.






