ޗައިނާގެ ރައީސް ވިދާޅުވި ހީނަރުވަމުންދާ ބާރެއް ކަމަށް އެމެރިކާ ސިފަ ކުރެއްވި ބަހުގެ މާނައަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ދައުރަށް ނިސްބަތްކުރައްވައި ޗައިނާ ރައީސް ވިދާޅުވި ބަސްފުޅެއް ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.
އެމެރިކާއަކީ ހީނަރުވެ ބާރު ކެނޑެމުންދާ ގައުމެއް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވުމުން އެކަމާ މެދު އެމެރިކާގެ މަސްއޫލުވެރިންގެ މެދުގައި ކަން ބޮޑުވުން އުފެދުނެވެ. އަދި އެކަމަށް ރައްދު ދެއްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޝީ އެ އިޝާރާތް ކުރެއްވީ އެމެރިކާގެ ދާއިމީ ވަރުގަދަކަމަށް ނޫން ކަމަށާއި، އެއީ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގެ ދައުރަށް ނިސްބަތްކުރެއްވި ބަހެއް ކަމަށެވެ.
ޗައިނާގެ ބެއިޖިންގްގައި ކުރިއަށް ދިޔަ ސަމިޓުގެ ދެވަނަ ދުވަހުގެ ބައްދަލުވުންތައް ފެށުމުގެ ކުރިން ޓްރަމްޕްގެ "ޓްރުތް ސޯޝަލް" އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިޑަންގެ 4 އަހަރުގެ ދައުރުގައި އެމެރިކާއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެމެރިކާއަކީ "ދަށަށްދާ ގައުމެއް" ގޮތުގައި ޝީ ސިފަކުރެއްވީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި އެ މާނައިގައި ޝީގެ ވާހަކަފުޅަކީ "ސައްތަ އިންސައްތަ ސައްހަ" ވާހަކައެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ރައީސް ޝީ މި މޭރުމުން ވާހަކަދެއްކެވީ ސިއްރު ބައްދަލުވުމެއްގައި ކަމެއް ނުވަތަ ރަސްމީ މުއާމަލާތެއްގެ ތެރެއިން ކަމެއް ސާފެއް ނުވެއެވެ. ސަމިޓުގެ ފުރަތަމަ ދުވަހުގެ ބައްދަލުވުންތަކުގައި "ދަށަށްދާ ގައުމެއް" މި ލަފުޒު ޝީ ބޭނުންކުރައްވާފައެއް ނުވެއެވެ. ނަމަވެސް، އުފެދިގެން އަންނަ ބާރަކާއި މިހާރު އޮތް ބާރެއްގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކަށް އިޝާރާތްކުރާ "ތުސިޑައިޑްސް ޓްރެޕް" ނަޒަރިއްޔާތަށް ނުވެއްޓުމަށް ޝީ ވަނީ އިންޒާރު ދެއްވާފައެވެ.
އެމެރިކާ އާއި ޗައިނާގެ މެދުގައި ބޭއްވި މި މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ދެ ގައުމުގެ މަޝްވަރާތައް ބިނާވެފައި އޮތީ ހަމަޖެހުމާއި، އިގްތިސާދީ މައްސަލަތަކުގެ އިތުރުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ކުރިއަށްދާނެ މިސްރާބުގެ މައްޗަށެވެ.






