ޤާނޫނީ ހުސްކަމެއްގެ ބޭނުން ހިފައި ސުވިޒަލޭންޑުގެ ރަސްކަލަކަށް މޮރޮކޯ ދަރިކޮޅުގެ މީހަކު ވެއްޖެ

ސުވިޒަލޭންޑުގެ މަދަނީ ޤާނޫނުގައި އޮތް ހުސްކަމެއްގެ ބޭނުން ހިފައި، މޮރޮކޯ ދަރިކޮޅުގެ ސުވިސް ރައްޔިތެއް ކަމަށްވާ ޔޫނުސް ލޮފެނަރ އަމިއްލައަށް އެ ގައުމުގެ ރަސްކަލަކަށް ވެއްޖެއެވެ. އަލްޖަޒީރާގެ "ޝަބަކާތު" ޕްރޮގްރާމުގައި މި ޚަބަރު ތަފްސީލުކޮށް ގެނެސްދީފައިވާއިރު، އޭނާ ވަނީ އޭނާއަކީ "ކިންގް އޮފް ސުވިޒަލޭންޑް" އަދި "އެމްޕަރަރ އޮފް ދަ ލޮފެނަރ އެމްޕަޔަރ" ކަމަށް އިއުލާނުކޮށްފައެވެ.

ލޮފެނަރ ވަނީ 2017 ވަނަ އަހަރު ބާން ސިޓީގެ ފައްޅިއެއްގައި ތަޚުތަށް އެރުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. އޮޕެރާ މިއުޒިކާއެކު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އޭނާ ވަނީ އަމިއްލައަށް އިމްޕީރިއަލް އާމީގެ ފީލްޑް މާޝަލްކަމާއި އެޑްމިރަލް އޮފް ދަ ފްލީޓްގެ މަގާމާވެސް ހަވާލުވެފައެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ މި ލަގަބުތައް ސީރިއަސް ކަންތައްތަކެއްގެ ގޮތުގައި ދެކެއެވެ.

އޭނާގެ މި "އެމްޕަޔަރ" ބިނާކުރުމަށް ބޭނުންކޮށްފައިވަނީ ސުވިސް ސިވިލް ކޯޑުގެ 558 ވަނަ މާއްދާއެވެ. މި މާއްދާގެ ދަށުން، ޕްރޮޕަޓީ ރެޖިސްޓްރީގައި ވެރިއަކު ނެތް ކަމަށް ފާހަގަކޮށްފައިވާ ބިންތައް އަމިއްލަ ކުރުމުގެ ފުރުސަތު ލިބިދެއެވެ. މި ގޮތުން އޭނާ ވަނީ ނުވަ ކެންޓަންއަކުން 151 ބިމާއި، ޖަންގަލިތަކާއި އަދި 83 މަގެއްގެ ބައެއް އޭނާގެ ނަން މައްޗަށް ބަދަލުކޮށްފައެވެ. މި ބިންތައް އޭނާ ހޯދާފައިވަނީ ވަރަށް ކުޑަ އަގަކަށް، ގާތްގަނޑަކަށް މަދު ސުއިސް އެތައް ސަތޭކަ ފްރޭންކްސް އަށެވެ.

2021 ވަނަ އަހަރު އެކަނިވެސް އޭނާ ވަނީ އެއްފަހަރާ 50 ބިން އޭނާގެ މިލްކިއްޔާތަށް ގެނެސްފައެވެ. މީގެ އިތުރުން "އިމްޕީރިއަލް ފިލާ" ގެ ނަމުގައި އަމިއްލަ ފައިސާވެސް އޭނާ ވަނީ އުފައްދާފައެވެ. މި ފައިސާގެ ކޮންމެ ފައިސާ ފޮއްޗެއްގެ އަގަކީ 37 އެމެރިކާ ޑޮލަރެވެ. މިހާތަނަށް އޭނާ ވަނީ މިފަދަ 200 ފައިސާ ފޮތި ނެރެފައެވެ.

މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ސުވިޒަލޭންޑުގެ ކަމާބެހޭ ފަރާތްތަކުން އޭނާއާ މެދު އެއްވެސް ޤާނޫނީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ސަރުކާރުން އަދިވެސް އޭނާއާ މެދު މުއާމަލާތް ކުރަނީ އާދައިގެ ރައްޔިތެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!