ފަލަސްތީނުގެ ނަކްބާއަށް 78 އަހަރު: ހައްގުތައް ހޯދުމުގައި ފަލަސްތީނުގެ ޖަމާއަތްތައް ސާބިތުކަމާއެކު

ފަލަސްތީނުގެ ނަކްބާއަށް 78 އަހަރު ފުރުމުގެ މުނާސަބަތުގައި، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިއަދު ނެރުނު ބަޔާންތަކެއްގައި، ފަލަސްތީނުގެ ބިމަށް އެނބުރި ދިއުމުގެ ހައްގާއި އަމިއްލަ އިހުތިޔާރުގައި ގޮތް ނިންމުމުގެ ހައްގުގައި ސާބިތުވެ ތިބިކަން ހާމަކޮށްފިއެވެ. މި ޖަމާއަތްތަކުން ވަނީ ފަލަސްތީނުގެ ބިމުގެ މައްޗަށް އިސްރާއީލުން ދައުވާކުރާ އެއްވެސް ސިޔާދަތެއް ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ.

ހަމާސް ޖަމާއަތުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، ނަކްބާއަށްފަހު ފާއިތުވި 78 އަހަރަކީ ޔަހޫދީ ޖެނޮސައިޑް އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި މުގައްދަސް ތަންތަނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ އަހަރުތަކެއް ކަމަށެވެ. ހާއްސަކޮށް ފާއިތުވި ދެ އަހަރު ދުވަހު ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި ބަނޑަށް ޖެއްސުމުގެ ސިޔާސަތުތަކުގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން 850 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަން އެ ޖަމާއަތުން ފާހަގަކުރިއެވެ.

ހަމާސްއިން އިތުރަށް ބުނީ ހުޅަނގު އައްސޭރިއާއި ގުދުސްގައި ޔަހޫދީން ވަޒަންވެރިކުރުވުމާއި، މަސްޖިދުލް އަގްސާއަށް ވަދެގަތުމާއި، ފަލަސްތީނު މީހުން ބިމުން ބޭރުކުރުމަށް ހިންގާ އަމަލުތަކަކީ 1948 ގެ ނަކްބާގެ ކުރިއެރުމެއް ކަމަށެވެ.

"މުގާވަމާގެ ހުރިހާ ބާވަތެއްގެ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން ކަށަވަރުކޮށްދޭ ހައްގެއް، އަދި މުގާވަމާގެ ހަތިޔާރު ގުޅިފައިވަނީ އިސްތިއުމާރު ދެމިއޮތުމާ،" ހަމާސްގެ ބަޔާނުގައިވެއެވެ.

އިސްލާމިކް ޖިހާދު: އިސްރާއީލުގެ މަޝްރޫއަކީ މުޅި އުންމަތަށް އޮތް ނުރައްކަލެއް

އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެފައިވަނީ އިސްރާއީލުގެ މަޝްރޫއަކީ ހަމައެކަނި ފަލަސްތީނަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އެއީ މުޅި އަރަބި އަދި އިސްލާމީ އުންމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި، ހުޅަނގު އައްސޭރީގެ އިންފްރާސްޓްރަކްޗާ ހަލާކުކުރުމާއި، އަސީރުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އެ ޖަމާއަތުން ކުށްވެރިކުރިއެވެ. އަދި ރެފިއުޖީންގެ ހައްގުތައް ނައްތާލުމަށް ކުރާ މަސައްކަތްތަކާ މެދު އެ ޖަމާއަތުން އިންޒާރު ދިނެވެ.

މުޖާހިދީން މޫވްމަންޓް: މުގާވަމާއަކީ އިޚުތިރާރެއް

މުޖާހިދީން މޫވްމަންޓުން ބުނި ގޮތުގައި މިއަހަރުގެ ނަކްބާ ދުވަސް ބައްދަލުކުރީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އެ ޖަމާއަތުން ވަނީ ޖެނޮސައިޑް އިސްރާއީލު އުފެއްދުމާއި ފަލަސްތީނު މީހުން އުފުލަމުންދާ ތަދުތަކުގެ ތާރީހީ ޒިންމާ އިނގިރޭސިވިލާތާއި ހުޅަނގުގެ ގައުމުތަކުން އުފުލަންޖެހޭނެ ކަމަށް ބުނެފައެވެ.

ނިންމާލަމުން ހުރިހާ ފެކްޝަންތަކުންވެސް ތަކުރާރުކޮށް ބުނެފައިވަނީ، 78 އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ތިބީ އެމީހުންގެ ބިމާއި ހައްގުތަކުގައި ސާބިތުވެ ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލަ އޮއްބާލުމަށް އަރަބި ޒަޔަނިސްޓުންނާއި ހުޅަނގުގެ ޒަޔަނިސްޓޫން ކުރާ ހުރިހާ މަސައްކަތްތަކެއް ފަލަސްތީނު ރައްޔިތުންގެ ކެތްތެރިކަމާއި ކުރިމަތީގައި ނާކާމިޔާބުވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!