ޒުވާނުންގެ މެދުގައި ކުއްލި ގޮތަކަށް ހިތް ހުއްޓިގެން މަރުވުމަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ސިއްހީ ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އުމުރުން 25 އަހަރާއި 44 އަހަރާ ދެމެދުގެ މީހުން ކުއްލި ގޮތަކަށް މަރުވާ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެ ތެރެއިން އުމުރުން 40 އަހަރުން ދަށުގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 60 އިންސައްތަ މީހުން މަރުވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިންނެވެ.
ކުއްލި މަރު މެދުވެރިވާ މައިގަނޑު ސަބަބުތައް
އުމުރުން 35 އަހަރުން ދަށުގެ ޒުވާނުން ކުއްލި ގޮތަކަށް މަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ވިރާސީ ގޮތުން ހިތަށް ޖެހޭ ބަލިތަކާއި ހިތުގެ ވިންދު ޖެހުމުގައި ދިމާވާ މައްސަލަތަކެވެ. ނަމަވެސް، އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މި މައްސަލަ ދިމާވަނީ ހިތުގެ ލޭހިނގާ ނާރުތައް ބެދުމާއި އާންމު ހިތުގެ ބަލިތަކުގެ ސަބަބުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިފަދަ މަރުތަކުގެ 30 އިންސައްތަ ކޭސްތަކުގައި، ޕޯސްޓްމޯޓަމް ހެދުމަށްފަހުވެސް ހިތުގެ އެއްވެސް މައްސަލައެއް ފެންނާކަށް ނުހުރެއެވެ.
ނުރައްކާ އިތުރުވާ ކަންތައްތައް
ދިރިއުޅުމުގެ އާދަކާދަތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ވޭޕް ކުރުމުގެ އިތުރުން ހަކަތަ ލިއްބައިދޭ ރެޑްބުލް ފަދަ އެނާޖީ ޑްރިންކްގެ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ ހިތުގެ މައްސަލަތަކަށް މަގުފަހިވާ ކަންކަމެވެ. މީގެ އިތުރުން، ނަފްސާނީ ބޮޑެތި ފިއްތުންތަކާއި، ހަފްތާއަކު 55 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރުމާއި، ނިދި މަދުވުމަކީވެސް ނުރައްކާ ބޮޑުވާ ސަބަބުތަކެވެ. އަދި ދުވާލަކު 6 ގަޑިއިރަށްވުރެ ގިނައިރު ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރުމަކީ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް މަތިވުމަށް މެދުވެރިވާ ކަމެކެވެ.
ސަމާލުވާންޖެހޭ ބައެއް ނިޝާންތައް
ހިތުގެ މައްސަލައެއް އުޅޭކަމުގެ ބައެއް ނިޝާންތަކުގެ ތެރޭގައި މޭގައި ރިއްސުން، ނޭވާލާން އުނދަގޫވުން، ބޯއެނބުރުން ނުވަތަ ކުއްލިއަކަށް ހޭނެތުން އަދި އާދަޔާ ހިލާފަށް ވަރުބަލިވުން ހިމެނެއެވެ. އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް އާންމުކޮށް ދިމާވަނީ ބޯއެނބުރުމާއި ހޭނެތުމުގެ މައްސަލަތަކެވެ. ނަމަވެސް 30 އަހަރުން މަތީގެ މީހުންނަށް މޭގައި ރިއްސުމުގެ މައްސަލަ ގިނައިން ދިމާވެއެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
ކުއްލި މަރުން ރައްކާތެރިވުމަށްޓަކައި ގަވާއިދުން އީ.ސީ.ޖީ ހެދުމާއި ހިތުގެ ޗެކަޕްތައް ހެދުން މުހިންމެވެ. އުމުރުން 40 އަހަރުވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ހިތުގެ ބަލިތަކުގެ ނުރައްކާ 90 އިންސައްތަ ކުޑަކޮށްދޭ ކަމެކެވެ. އަދި މިހާރުގެ ޓެކްނޮލޮޖީގެ އެހީގައި، ސްމާޓްވޮޗް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހިތުގެ ވިންދު ހުންނަގޮތް މޮނިޓަރ ކުރުމަކީ ނުރައްކަލެއް ދިމާވުމުގެ ކުރިން ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. / ތަރުޖަމާއެއް







